ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންނަށް ފައިސާ ދޭނެ އުސޫލު ކަނޑައަޅައިފި

ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންނާއި އަދި އިބްނު ސަބީލުންނަށް ފައިސާދޭނެ އުޞޫލު، ކަނޑަ އަޅައިފި އެވެ.
ސަރުކާރުން މި އުޞޫލު ކަނޑައެޅީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ މަޝްވަރާ ކުރެއްވުމަށްފަހު އެވެ..
ސަރުކާރުން ނިންމި އުސޫލުން ޒަކާތު ފަންޑުން ފައިސާ ދޭން ނިންމި ފަޤީރުންގެ ބައިން ބޭސްފަރުވާ ކުރުމަށް އެހީ ދޭން ހަމަޖައްސާފައިވާ އެއްބަޔަކީ މަދައިނައިން ލިބޭ ބޭސްފަރުވާގެ އެހީގެ ޢަދަދު ފަހަނައަޅާފައިވާ ފަރާތްތަކާއި، އެކިއެކި ސަބަބުތަކާހުރެ މަދަނައިގެ އެހީ މެދުކެނޑިފައިވާ ފަރާތްތަކެވެ.
އަނެއްބަޔަކީ ކުއްލި ޙާދިސާތައް ދިމާވާ ފަރާތްތަކެވެ. އެފަދަ ހާދިސާތައް މެދުވެރިވެ ޙާލުގައިޖެހޭ މީހުންގެ ތެރޭގައި، ތަނެއް އަނދައިގެން ދިޔުމުގެ ސަބަބުން ބޯހިޔާވަހިކަން ލިބެންނެތް ފަރާތްތައް ވެސް ހިމެނެއެވެ. އަދި ފަޤީރުންނާއި މިސްކީނުންގެ ތެރެއިން، ޚާއްޞަ ޙާލަތްތައް މެދުވެރިވާ ފަރާތްތަކަށްވެސް ފަޤީރުންގެ ބައިން އެހީ ދިނުމަށް ވަނީ ނިންމާފަ އެވެ.
ޒަކާތު ފަންޑުގެ އިބްނު ސަބީލު ބައިން އެހީ ދިނުމަށް ނިންމަވާފައިވަނީ، ދަތުރުމަތީގައި ހާލުގައިޖެހޭ ފަރާތްތަކަށެވެ. މީގެތެރޭގައި، ރާއްޖެއިން ބޭރުގައި އުޅެނިކޮށް ކުއްލި ޙާދިސާއެއް މެދުވެރިވެ ޙާލުގައިޖެހޭ ފަރާތްތަކާއި، ޓޫރިސްޓް ވީޒާގައި ރާއްޖެއަށް އަންނަ ބިދޭސީ މުސްލިމުންގެ ތެރެއިން ހާލުގައިޖެހޭ މީހުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ