ކޮވިޑް-19: ފައްސިވި ދިވެހިންގެ އަދަދު 500 އަށް

ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވި ދިވެހިންގެ އަދަދު 500 އަށް އަރައިފިއެވެ.
މި ބައްޔަށް ރާއްޖެއިން ފައްސިވީ ދިވެހިންގެ އަދަދު ފައްސަތޭކަ އަށް އަރާފައި މިވަނީ، މިރޭ 9 ދިވެހިން ހިމެނޭހެން ރާއްޖެއިން އިތުރު 43 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރުމުންނެވެ.
މިހާތަނަށް ރާއްޖެއިން ޖުމްލަ 507 ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ފައްސިވެފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން މިހާތަނަށް 737 ބަންގަލަދޭޝް މީހަކަށް މި ބަލި ރާއްޖެއިން ޖެހިފައިވެއެވެ.
ދެވަނައަށް އެންމެ ގިނައިން ރާއްޖެއިން މި ބަލި ޖެހުނު ބަޔަކަށް ދިވެހިން ވެފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން ބައްޔަށް ފައްސިވެފައި ވަނީ އިންޑިއާ މީހުންނެވެ. އެޤައުމުގެ 145 މީހަކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.
ބަލީގެ ނުރައްކާ އަދިވެސް ރާއްޖެއަށް އޮތްއިރު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1438 އަށް އަރާފައެވެ. އޭގެތެރެއިން 232 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، ރޭ އިތުރު މީހަކު ހިމެނޭހެން މިހާތަނަށް ފަސް މީހަކު ނިޔާވެފައި ވެއެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި ބަންގްލަދޭޝް ދެ މީހަކެވެ. މިވަގުތު ރާއްޖެއިން މި ބައްޔަށް ފަރުވާދެމުން ދަނީ 1234 މީހަކަށް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ރާއްޖެއަކީ ދެކުނު އޭޝިއާ ސަރަޙައްދުން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމެވެ. މިހާތަނަށް މި ސަރަޙައްދުން ނުރައްކާ އެންމެ ބޮޑުވެފައި ވަނީ އިންޑިއާ އަށެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 150,793 މީހަކަށް ބަލި ޖެހިފައި ވާއިރު، އޭގެތެރެއިން 4,349 މީހަކު ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ