ފައިސާ ބޭރުކޮށް އެތެރެކުރުމާ ބެހޭ ގޮތުން އެމްއެމްއޭ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގެންފި

ރާއްޖޭގެ ޕޯޓުތަކުން ފައިސާ ބޭރުކޮށް އެތެރެ ކުރެވޭނެ އަދަދު ތަކާއި އުސޫލުތައް ކަނޑައަޅައި، މަނިޓަރީ އޮތޯރިޓީގެ ގާނޫނަށް ގެނައުމަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.
މި އިސްލާހަށް ވޯޓަށް އެއްސެވުމުން، އެވަގުތު މަޖިލީހުގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 41 މެންބަރުން އިސްލާހަށް ތާއީދުކޮށް ވޯޓު ދެއްވި އެވެ. ނަމަވެސް ބިލަށް ތާއީދު ނުކުރާ ކަމަށް 23 މެންބަރުން ވޯޓު ދެއްވި އެވެ.
އެ އިސްލާހާ ދެކޮޅަށް ވާހަކަ ދައްކަވަމުން އިދިކޮޅު ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ، އެ އިސްލާހަކީ މެދުފަންތީގެ ވިޔަފާރިވެރިން އިނދަޖެހިގެން ދާނެ އިސްލާހެއް ކަމަށެވެ. އަދި އިގްތިދާސީ ހާލަތު ގޯސްވެ އިޖުތިމާއީ ފޭރާން ވީދެމުންދާ އެންމެ ބޮޑު އަސްލަކީ ރައްޔިތުންނަށް ލިބޭ ފައިސާ އިން ދެކޮޅު ނުޖެހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަސްލު މައްސަލައަކީ، ލިބޭ ލާރިން ހަރަދު ބަރަދުތައް ނުފުދުން. އެހެންވީމަ ސަރުކާރުން ދުއްވައިގަންނަންވީ މުސްތަގިއްލު މުއައްސަސާތަކުގެ ފަހަތަކުންނެއް ނޫން. ރައްޔިތުންނަށްވީ ވައުދުތަކަށް ރުޖޫއަ ވެވަޑައިގަންނަންވީ. ތަކެތީގެ އަގު ތިރިކޮށް، އެއް ދުވަހުން އަނެއް ދުވަހަށް މަތިކުރަމުންދާ ތެލުގެ އަގު ތިރިކޮށް މަސްވެރިންނަށް މަހަށް ފުރޭނެގޮތް ހަދަންވީ. ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ހަގީގަތުގައި ޒިންމާވާން ޖެހޭ ފަރާތް ބާއްވާފައި އެމްއެމްއޭގެ ގަވަރުނަރާއި ޖިނާއީ ކޯޓުގެ ގާޒީންނާއި އެހެން މީހުންގެ ފަހަތުން ދުވަން،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، އަސްލު މައްސަލަ ހައްލު ކުރެވޭނީ ތަކެތީގެ އަގު ހެޔޮ ކުރުމާއި ބޯހިޔާވަހިކަން ހޯދައި ދިނުން ފަދަ ރައްޔިތުންނަށް ދޭން ސަރުކާރުން ވައުދުވެފައިވާ ކަންތައްތައް ފުރިހަމަކޮށްދީގެން ކަމަށެވެ. އަދި ގައުމުގެ އިގްތިސާދީ ފޭރާން ހަލާކުވެފައި ވަނީ ވެސް އެކަމުގެ ސަބަބުން ކަމަށާއި އެކަމުގައި ސަރުކާރުގެ އިސް ފަރާތްތައް ޒިންމާވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންނަށް ބަރުދާސްތު ކުރަން ޖެހިފައިވާ އިގްތިސޯދީ ދަތިކަމާއި ޑޮލަރުގެ ދަތިކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ އެމްއެމްއޭގެ ގަވަރުނަރު ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވުމުން، ރައްދު ދެއްވައި އަލީ ވަހީދު ވިދާޅުވީ، އެމްއެމްއޭގެ މާލީ ސިޔާސަތުތަކަށް ބޭރުގެ މުއައްސަސާތަކުން ތައުރީފްކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވީ، އިގްތިސާދީ ނަޒަރަކުން ބަލާއިރު އެ އިސްލާހަކީ ގެންނަން އެންމެ ރަނގަޅު އިސްލާހެއް ނޫން ކަމަށެވެ. ނަމަވެސް ކުރިމަތިވެފައިމިވާ ޑޮލަރުގެ ދަތިކަން ހައްލު ކުރުމަށް އެ އިސްލާހް ގެނެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ޑޮލަރުގެ ދަތިކަން ދިމާވެފައި މިވަނީ، އެމްއެމްއޭގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ވިދާޅުވެ އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބަށް އެ މެންބަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އެ މެންބަރުން ވިދާޅުވީ، ޑިލަރުގެ ކަޅުބާޒާރު އުފެދިފައި ވަނީ، އެމްއެމްއޭގެ ދޯދިޔާކަމުން ކަމަށެވެ. އަދި އެމްއެމްއޭ އިން އަމަލު ކުރަން ޖެހޭ ގަވާއިދުތަކަށް އަމަލު ނުކުރުމުގެ ސަބަބުން ބޮޑެތި މައްސަލަތައް ދިމާވެފައިވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ