ރައްޔިތުން އިންތިޒާރުކޮށްގެން ތިބި ކޮމަންޑޫ ބަނދަރު ނިމުމަކާ ގާތަށް

ކޮމަންޑޫއަކީ އެ އަތޮޅުގެ ނިސްބަތުން ބަލާއިރު މަސްވެރިކަން ކުރާ ބޮޑެތި އޮޑި ދޯނުފަހަރު ގިނަރަށެކެވެ. އެގޮތުން ކަންނެލީގެ މަސްވެރިކަން ކުރާ 16 ދޯނި އޮންނަ އިރު މަސްވެރިކަން ކުރާ 6 ދޯނި އެރަށުގައި އޮވެއެވެ. މީގެ އިތުރުން 50އަށްވުރެ ގިނަ ޑިންގީއާ ލޯންޗު އޮންނައިރު އެ އަތޮޅުގައި މާލެ ދަތުރުކުރާ ބޮޑެތި ބޯޓުފަހަރުވެސް އެރަށުގެ ބަނދަރަށް ބަނދަރުކުރެއެވެ.
އެރަށު ކައުންސިލްގެ ރައީސް މުހައްމަދު މުފީދު ވިދާޅުވީ ރަށުގެ ރައްޔިތުންގެ އެންމެބޮޑު ސަކުވާޔަކަށް ވެފައިވަނީ އޮޑި ދޯނިފަހަރު އެޅުމަށްދިމާވާ ބަނދަރުގެ ޖާގާގެ ދަތިކަމުގެ މައްސަލަކަމަށެވެ. ގިނަފަހަރު ބަނދަރުގެ ޖާގަ ނެތިގެން ދެބަރިއަށް ނޫނީ 3 ބަރިއަށްވެސް ދޯނި އަޅަން ޖެހޭކަމަށް އޭނާ ބުންޏެވެ. މި ގޮތަށް ދޯނި ފަހަރު އަޅާފައި ހުރުމުގެ ސަބަބުން ބަނދަރުން އެ ދޯނި ފަހަރު ނެރުމަށް ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވާ ކަމަށް މުފީދު ވިދާޅުވިއެވެ.
ކޮމަންޑޫއަކީ ވިޔަފާރި ކުރުމަށާއި މާލެ ދަތުރު ކުރާ ބޮޑެތި ބޯޓްފަހަރުވެސް ބަނދަރުކުރާ ރަށަކަށްވެފައި ކުރީގައި އެރަށުގައި ހަދާފައި އޮތް ބަނދަރު ކުޑަކަމުން އެބޯޓުފަހަރުތަކަށް ރަށުގެ ބަނދަރަަށް ވަދެ ނުކުތުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާކަމަށްވެސް މުފީދު ބުންޏެވެ.
ކޮމަންޑޫ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެރަށުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީ ކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. ކޮމަންޑޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށާފައިވަނީ 8 ޑިސެމްބަރ 2019 ގައެވެ.
މި މަޝްރޫޢާ ބެހޭ މަޢުލޫމާތު ހިއްސާކުރަމުން، މިމަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނީ މަޝްރޫޢުގެ %95 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. ކޮމަންޑޫ ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފައިވާއިރު މިހާރު ކުރިއަށްދަނީ ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތްކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން ކޮމަންޑޫ ފަޅުން 35،348 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފުންކުރުމާއި، 14،731 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ވަނީ ކޮށްފައެވެ. އަދި 12 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 20 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 190 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.
މީގެ އިތުރުން 1,991 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް އެމް.ޓީ.ސީ.ސީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދައުލަތުގެ ބަޖެޓުން 29 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ ށ. ކޮމަންޑޫ ބަނދަރު ހެދުމުގެ މަޝްރޫޢާއެކު ރައްތިތުންނަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށް އެރަށު ރައްޔިތުން ޤަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ