ރޫޓްގެ ފައިސާ ފޭރެން އުޅުނު މީހުންނަށް ދައުވާކޮށްފި

ރޫޓް ފިހާރައިން ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަޅައިފި އެވެ.
މިދިޔަ އޮކްޓޫބަރު މަހު 25 ވަނަ ދުވަހު ބޭންކަށް ފައިސާ ހިފައިގެން ދިޔަ ވެހިކަލް ބޭންކް ކުރިމައްޗަށް ހުއްޓި ވަގުތު ސައިކަލްތަކެއްގައި އޭގެ ފަހަތުން ގޮސް ފޭރެން އުޅުނު މައްސަލާގައި ލ. ގަން. ތުނޑި، ކީމިޔާގެ، އަބްދުﷲ ރާޝިދު އާއި ގއ. ވިލިނގިލި، ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރާއި ދަފްތަރު. ނަންބަރު ރސ 3678، ހުސައިން އަބްދުލްމަޖީދު އަދި ވ. ޕިންކްވިލާ، އަހްމަދު އަމީރުގެ މައްޗަށް ކުރަނީ ގާނޫނުލް އުގޫބާތުގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދައުވާ އެވެ.
މި މީހުންގެ އިތުރުން ދެން ދައުވާ ލިބޭ ރ. ރަސްމާދޫ، އޯކިޑްމާގެ، މުހައްމަދު އަޒްމީންގެ ކުރަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
ފަސް މީހުންގެ މައްޗަށް ދައުވާކުރި ނަމަވެސް ތުހުމަތަށް ހަތް މީހަކު ހައްޔަރުކުރި އެވެ.
ވެހިކަލްގައި ހުރި ފައިސާ ފޮށި އަތުލައިގެން ދާން މި މީހުން މަސައްކަތްކުރި ނަމަވެސް ބޭންކުގެ ސެކިއުރިޓީއަކަށް ހުރި މީހަކާއި ފައިސާ ހިފައިގެން ވެހިކަލްގައި ދިޔަ ރޫޓް ފިހާރައިގެ މުވައްޒަފުން ވަނީ ފޭރެން އުޅުނު މީހުންނަށް ހުރަސްއަޅައި ފައިސާތައް ސަލާމަތްކޮށްފަ އެވެ. ނަމަވެސް ފޭރެން އުޅުނު މީހުން އެ ދުވަހު ވަނީ ފިލައިގެން ގޮސްފަ އެވެ. މި މީހުން ހައްޔަރުކުރީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ.
ފޭރުން ނާކާމިޔާބުކޮށްލި މީހުންނަށް ރޫޓް ފިހާރައިން ވަނީ ފައިސާގެ ބޮޑު އިނާމުތަކެއް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ