ފެންބޮޑުވެ އޮޔާދިޔަ ކުއްޖަކު ސަލާމަތްކޮށްފި

އިންޑިޔާގެ ބެންގަލޫރޫއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވަރަށް ގިނަ އަވަށްތަކުގައި ފެންބޮޑުވި އެވެ. މަގުތަކުގައި ފެން ހިންދަން ހަދާފައިހުރި ތަންތަން ބްލޮކްވެ ބޮޑެތި މީހުންގެ ކަރުތާ ފެނާ ހަމަޔަށް ވެސް ބައެއް ހިސާބުތަކުގައި ފެންބޮޑުވި އެވެ. އަދި ގޭގެއަށް ފެންވަދެ ކުޑަކުދިންނާއި ބޮޑެތި މީޙުން އޮޔާދިއުމުގެ ހާދިސާތަކެއް ވެސް ހިނގާފައި ވެއެވެ.
ދާދިފަހުން ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ އެއް ވީޑިއޯ އަކީ ބެންގަލޫރޫގެ ގެއެއްގައި ފެންބޮޑުވެގެން އޮޔާދިޔަ 15 ދުވަހުގެ ކުޑަ ކުއްޖެއް ސަލާމަތްކުރާ މަންޒަރެކެވެ. އެ ކުއްޖާ ސަލާމަތްކުރީ އެހިސާބުގަނޑުގައި ތިބި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދިޔަ އާއްމުންގެ ގްރޫޕެއްގެ މީޙެކެވެ.
މިއީ ބެންގަލޫރޫގެ ރަށްބޭރުގައި އޮންނަ ހޯސާކަރެހައްލީ ކިޔާ އޭރިއާއެއްގައި ދިރިއުޅޭ އާއިލާއެއްގެ ކުއްޖެކެވެ.
މި ވީޑިއޯގައި ފެންނަނީ އެމީހާގެ ވެސް ކޮނޑާ ހަމަޔަށް ފެންގަނޑު ބޮޑުވެފައިވާ މަގަކުން ކުޑަ ކުއްޖާ ސަލާމަތްކޮށް ދެއަތް މަތީ ބާއްވައިގެން ގެންދާ މަންޒަރެވެ. އަދި ކުއްޖާ ގެންގޮސް ތަންކޮޅެއް ދުރުގައި ހުރި އަންހެނަކާ ހަވާލުކުރާ މަންޒަރެވެ. އަނެއްކާވެސް ފެންގަނޑުވަދެފައިވާ އިތުރު ގެޔަކަށް އެ ފިރިހެންމީހާ އާއި ގްރޫޕް ވަންނަތަން ވެސް ވީޑީއޯއިން ފެނެ އެވެ.
އެންޑީޓީވީ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ކުއްޖާ ސަލާމަތްކުރި މީހާ އާއި އޭނާއާއެކު މަސައްކަތްކުރާ ގްރޫޕްގެ މީހުން ވަނީ އިތުރު ކުއްޖަކު ވެސް ހަމަ މިގޮތަށް ފެންގަނޑުތެރޭގައި އޮޔާދަނިކޮށް ސަލާމަތް ކޮށްފަ އެވެ.
ހުކުރު ދުވަހު މެންދުރުފަހު 2.30 އިން ފެށީގެން ހަވީރު 5.30 އާ ހަމަޔަށް ބެންގަލޫރުގެ ދެކުނުގެ ހިސާބުތަކަށް 13.2 ސެންޓިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވެއެވެ.
އެހިސާބުގަނޑުގައި ދިރިއުޅޭ ގޭގޭގެ މީހުންގެ ކާރުތައް ވެސް އޮޔާދަނިކޮށް ފެންނަ ބައެއް ވީޑިއޯތައް ވެސް ސޯޝަލް މީޑީއާގައި ދައުރު ވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ