ދުނިޔޭގެ އެންމެ ޕަވަފުލް 50 އަންހެނުންގެ ތެރޭގައި ޕްރިޔަންކާ

ޕްރިޔަންކާ ޗޯޕްރާގެ ކާމިޔާބީއަށް ހުއްޓުމެއް ނެތެވެ. އިންޑިއާގެ މި ބަތަލާއަށް މިހާރު މިވަނީ ދުނިޔޭގެ އެންމެ ޕަވަފުލް 50 އަންހެނުންގެ ލިސްޓުންވެސް ޖާގަ ލިބިފައެވެ.
ޔޫއެސްއޭ ޓުޑޭގެ މެގަޒިންއިން ފީޗާކުރި މި ޕަވާ އައިކޮން ލިސްޓުގައި މެރީލް ސްޓްރީޕް، ޖެނިފާ ލޯރެންސް އަދި ބިޔޯންސޭވެސް ހިމެނެއެވެ. ޕްރިޔަންކާއަށް މި ލިބުނު ކާމިޔާބީއާ ގުޅޭގޮތުން ސުވާލު ކުރުމުން ބުނީ އޭނާ ދެކޭ ގޮތުގައި ޕަވާ އަކީ ކުރަން ބޭނުންވާ ކަމެއް ކުރުމުގެ ހިތްވަރު ހުރުމެވެ. އަދި އޭނާ ދެކެމުން އައި ހުވެފެންތައް ހަގީގަތަކަށް ހެދުމަށް ވަނީ ގިނަ މަސައްކަތްތަކެއް ވެސް ކޮށްފައިކަމަށް ޕްރިޔަންކާ ބުންޏެވެ. އެހާ ކާމިޔާބު އަންހެނުންގެ ލިސްޓުން ޖާގަ ލިބުމަކީ ފަހުރެއް ކަމަށާއި، އެ އަންހެނުންނަކީވެސް ދިރިއުޅުމުގައި ދިމާވި ކޮންމެ ގޮންޖެހުމަކުން އަރައިގަނެ ކެރިއާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަންހެނުންކަމަށް ޕްރިޔަންކާ ފާހަގަ ކުރިއެވެ.
ޕްރިޔަންކާ އެންމެ އަވަހަށް ދެން ފެނިގެން ދާނީ "ސްކައި އިން ޕިންކް"އިންނެވެ. އެ ފިލްމުގައި އޭނާއާ އެކު ފަރްހާން އަޚުތަރު އާއި ޒައިރާ ހުސެއިން ފެނިގެން ދާނެއެވެ. ފިލްމު ރިލީސް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރުގައެވެ.
މީގެ އިތުރުން އޭނާގެ ފިރިމީހާ ނިކް ޖޯނާސްގެ ލަވަ "ސަކާ"އިން ޕްރިޔަންކާ ވަނީ ވަރަށް ފަހުން ފެނިގެން ގޮސްފައެވެ. ބިލްބޯޑް ޓޮޕް 100ގެ އެއްވަނައަށް ނިކްގެ އެ ލަވަ އަރާފައިވާއިރު އެހެން ޗާޓް ތަކުގެ އެންމެ ކުރީގައިވެސް މި ލަވަ ވަނީ ހިމެނިގެން ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ