ބަނގުރާފުޅި ފެނުނު ޚަބަރު ގެނެސްދިނީ ރައްޔިތުން ބަދުނާމު ކުރަން – ރަސްދޫ ކައުންސިލް

އއ.ރަސްދޫ ކައުންސިލް އިދާރާގެ ގޯތިތެރެއިން ބަނގުރާ ހުސްކުރި ފުޅިއެއް ފެނުމުން އެކަން އެއްވެސް ފަރާތަކަށް ނާންގާ މީސްމީޑިއާ އާއި ޚަބަރުތަކަށް (މީޑިއާތަކަށް) އެމައުލޫމާތު ދީފައި ވަނީ ސިޔާސީ ބޭނުމެއްގައި ދުރާލާ ރާވައިގެން ބަޔަކު ގަސްދުގައި ރަސްދޫ ކައުންސިލާއި، ކައުންސިލްގެ މުވައްޒަފުން އަދި ރަސްދޫ ރައްޔިތުން ބަދުނާމު ކުރަން ކަމަށް ރަސްދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ރަސްދޫ ކައުންސިލް އިދާރާގެ ގޯތިތެރެއިން ބަނގުރާ ހުސްކުރި ފުޅިއެއް ފެނުނު ޚަބަރު މީޑިއާތަކުން ގެނެސްދިނުމުން އެކަމާއި ނުރުހުން ފާޅުކުރަން ރަސްދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ރަސްދޫ ކައުންސިލް އިދާރާގެ ގޯތިތެރެއަކީ ކޮންމެ އިރަކުވެސް ވަނުމަށް ދަތިކަމެއް ނެތް ތަނަކަށް ވެފައި އެފަދަ އެއްޗެއް ކޮންމެ މީހަކަށް ބޭނުން އިރަކު ކައުންސިލްގެ ގޯތިތެރޭގައި ބެހެއްޓިދާނެ ކަމަށެވެ.
ކައުންސިލްގެ ބަޔާނުގައި ވަނީ ބަނގުރާ ހުސްކުރި ފުޅި ފެނުނު ޚަބަރު ޗެނަލް-13 އާއި "ވަގުތު" އަދި ފަސޭހަ.ކޮމް ގައި ގެނެސްދީފައި ވާތީ އެކަން ވެސް ކުށްވެރިކޮށްފައެވެ.
ރަސްދޫ ކައުންސިލުން ބުނީ އެކައުންސިލަކީ ޤާނޫނާއި ހިލާފު އަމަލެއް ކުރުމަށް ހިތްވަރު ދޭނެ ކައުންސިލެއް ނޫން ކަމަށާއި އެކަމުގެ ޔަގީންކަން ދޭކަމަށެވެ.
ރަސްދޫ ކައުންސިލަކީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލެކެވެ.
ރަސްދޫ ކައުންސިލްގެ ގޯތިތެރެއިން ބަނގުރާފުޅިއެއް ފެނުނު މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ރޭ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ