ސިޓީ އާއި ޕީއެސްޖީ ގޮތަށް ހަރަދުކުރެވެން ނެތް: ކްލޮޕް

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 19) - މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ ކުރާ ގޮތަށް ކޮންމެ އަހަރަކު ޓްރާންސްފާ މާކެޓްގައި ބޮޑު އަގުގައި ކުޅުންތެރިން ގަންނަން ލިވަޕޫލުން ހޭދަނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ސިޓީގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ޕެޕް ގާޑިއޯލާ ވަނީ ތިން ވަރަކަށް އަހަރު ތެރޭ 625 މިލިއަން ޑޮލަރަށް ވުރެ ގިނައިން ހޭދަކޮށްފަ އެވެ. ލިވަޕޫލުން ވަނީ އެ މުއްދަތުގެ ތެރޭގައި ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު އާ ކުޅުންތެރިންނަށް ހަރަދުކޮށްފަ އެވެ. ޕީއެސްޖީން އެ މުއްދަތުގައި އާ ކުޅުންތެރިންނަށް ކުރި ހަރަދު 730 މިލިއަން ޑޮލަރަށް އަރާނެ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން ގެނައި ހަމައެކަނި ކުޅުންތެރިޔަކީ ދެ މިލިއަން ޑޮލަރަށް ގަތް ނެދަލެންޑްސްގެ 17 އަހަރުގެ ޑިފެންޑަރު ސެޕް ވެން ޑެން ބާގް އެވެ. ލިވަޕޫލުން އިތުރު ކުޅުންތެރިން ގަންނަން މަސައްކަތްކުރަމުން އަންނަކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް ކްލޮޕް ބުނީ ޓްރާންސްފާގެ މާ ގިނަ ކަންތައްތަކެއް ހިނގާނެކަމަށް އޭނާ ވެސް ގަބޫލުނުކުރާ ކަމަށެވެ.
"މިއީ ލިވަޕޫލަށް މާ ބޮޑުވާނެ ޓްރާންސްފާ މާކެޓެއް ނޫން. މިދިޔަ ދެ އަހަރު ތެރޭ އަހަރެމެން ވަރަށް ހަރަދުކޮށްފިން އެ ގޮތަށް ކޮންމެ ފަހަރަކު ނުކުރެވޭނެ. މީހުން ބުނެފާނެ. ދެން ހަރަދުކުރާށޭ އިތުރު 200 މިލިއަން ޑޮލަރު ނޫނީ 300 މިލިއަން ޑޮލަރު. އެ ގޮތަށް މި ވަގުތު ކުރަން އޮތީ ބާސެލޯނާ އާއި ރެއާލް މެޑްރިޑް. ދެން އެ ގޮތަށް ކޮންމެ އަހަރަކު ކުރާނެ ދެ ކްލަބަކީ މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ،" ކްލޮޕް ބުންޏެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިވަޕޫލުން ބާސެލޯނާ އަށް ވިއްކާލި ބްރެޒިލްގެ ތަރި ފިލިއްޕޭ ކުޓީނިއޯ އަލުން ލިވަޕޫލާ ގުޅެން އުޅޭކަމަށް މީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ. އަދި ލިވަޕޫލުން ކުޓީނިއޯ ގަންނަން ހުށަހަޅާފައިވަނީ ދެ އަހަރުގެ ލޯން އެއްބަސްވުމެކެވެ. އެއީ ފުރަތަމަ 35 މިލިއަން ޑޮލަރު ދެއްކުމަށް ފަހު ކުޓީނިއޯގެ އެއްބަސްވުން ދެ އަހަރަށް ފަހު ދާއިމީ ކުރާނަމަ އިތުރު 80 މިލިއަން ޑޮލަރު ދައްކާ ގޮތަށެވެ.
ކްލޮޕް ވަނީ އެއް މަގާމަކަށް ލިވަޕޫލުން ކުޅުންތެރިއަކު ހޯދަން މަސައްކަތްކުރަމުން އަންނަކަމަށް ބުނެފަ އެވެ. އެކަމަކު އެކަން ކުރަން ވެސް ވަކި ޕްރެޝަރެއް ނެތް ކަމަށް ބުންޏެވެ.
"އެއް މަގާމަށް އެބަ ބޭނުންވޭ ހައްލެއް. އެކަމަކު އެކަން ކުރަން ވެސް ޕްރެޝަރެއް ނެތް. މިހާރު އޮތް ޓީމާ މެދު އަހަރެން ހިތްހަމަޖެހޭ،" ކްލޮޕް ބުންޏެވެ.
އަނިޔާ އަށް ފަހު މި ފަހަރުގެ ސީޒަނުގައި ޒުވާން ފޯވާޑް ރިއާން ބްރޫސްޓާ އާއި މިޑްފީލްޑަރު އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން އަށް ސީޒަން ފަށާއިރު ކުޅެވުމަކީ ކްލޮޕަށް އޮތް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި ކްލޮޕް ވަނީ އެ ޓީމުގެ ބެލްޖިއަމް ގޯލްކީޕަރު ސިމޮން މިންޔޮލޭ ދޫނުކޮށްލާނެ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ