ރަށުގެ އިޚްތިސާސްގައިވާ އެންމެހާ ތަކެއްޗަކީ ރަށުގެ މިލްކެއްގެ ގޮތަށް ބަދަލު ކުރަންޖެހޭ: ނަޝީދު

ރަށުގެ އިޚުތިސާސްގައިވާ އެންމެހާ ތަކެއްޗަކީ ރަށުގެ މިލްކެއްގެ ގޮތަށް ބަދަލު ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް އއ. ބޮޑުފޮޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި މިއަދު ކުރިއަށް ދިޔަ ކެމްޕެއިން ޖަލްސާގައެވެ. މިގޮތުން އަތޮޅުތެރޭގައިވާ ހުރިހާ ރަށަކާއި ހުރިހާ ބިމެއްގެ މިލްކުވެރިކަން އަތޮޅު ކައުންސިލަށް ބަދަލުވާންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިގޮތަށް އަތޮޅުކައުންސިލަށް މިލްކިއްޔާތު ބަދަލުވުމުން ރަށު ކައުންސިލަށް ލިބެންޖެހޭ އެއްޗެއް ރަށު ކައުންސިލަށް ލިބެން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވަނީ ބިމުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ %40 ލިބެން ޖެހޭނީ ރަށަށް ކަމަށް ވިދާޅުވެފައެވެ. އަދި އެ %40 ރަށަށް ދެވިއްޖެނަމަ ފެނާއި ނަރުދަމާގެ އަގު ''ދުފުން ސިނގިރޭޓް'' އަށްވުރެ ހެޔޮ އެއްޗަކަށް ވެގެން ދާނެކަމަށް ނަޝީދު ވިދާޅުވިއެވެ.
ގެސްޓްހައުސްގެ ވިޔަފާރި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރަށްރަށުގައި ކުރެވޭ ގޮތް ވުމުން ރަށުގެ އާމްދަނީ އެތައް ގުނައަކަށް އިތުރުވެފައިވާކަން ނަޝީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްވުމުން ގެސްޓްހައުސްގެ ވިޔަފާރި އެތައް ގުނައަކަށް ކުރިއަރައި ދާނެކަމަށް ވެސް ވިދާޅުވިއެވެ.
ގެސްޓް ހައުސްގެ ވިޔަފާރިއާ ގުޅިގެން ބޮޑުފޮޅުދޫގެ ބިމުގެ އަގު އެތައް ގުނައެއް އުފުލިއްޖެކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ބޮޑުފޮޅުދޫގައި ބިން ހިއްކުމަށް ބަޖެޓް ކުރެވިފައިވާއިރު، ބިން ހިއްކުމަށް ހިންގާ ހަރަދަށްވުރެ ބިން ވިއްކާލެވޭ އަގު ބޮޑުވުމުން އެކަމުން މަންފާ ކުރާނެކަމަށް ވެސް ނަޝީދު ފާހަގަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ