އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ އުފުލި ކުދިންނަށް މިހާރު ވަނީ އިނގިރޭސިވިލާތުން ހިމާޔަތް ދީފައި - ނަޝީދު

އަލް ޖަޒީރާއިން ދެއްކި ޑޮކިއުމަންޓްރީ "ސްޓީލިން ޕެރަޑައިސް"އަށް އިންޓަވިއުތައް ދީފައި ވަނީ ސީދާ އެމްއެމްޕީއާރްސީ ހިޔާނާތުގައި ކަޅު ފައިސާތައް އުފުލި ކުދިން ކަމަށާއި، އެ ކުދިންނަށް މިހާރު އިނގިރޭސިވިލާތުން ހިމާޔަތް ދީފައިވާ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ބާރަށުގައި އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ތަހުގީގީ އިދާރާތަކަށް އެނގެނީ އެމްއެމްޕީއާރްސީ ހިޔާނާތުގައި ފައިސާތައް ވަދެފައިވާ ބޭންކް އެކައުންޓްތައް އެކަނި ނޫން ކަމަށެވެ. އެ ފައިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެގޮޅަށް ވައްދައިގެން ދެން ބަހާފައިވާ ގޮތްވެސް ސާފުކޮށް އެނގޭ ކަމަށެވެ.
"އެމްއެމްޕީއާރްސީ ހިޔާނާތުގައި ފައިސާތައް ވަދެފައިވާ ބޭންކް އެކައުންޓްތައް އެކަންޏެއް ނޫން ތަހުގީގީ އިދާރާތަކަށް އެނގިފައި އޮތީ. އެނގެން އޮތް މައުލޫމާތަކީ ފައިސާ ނަގައިގެން ގެންގޮސް، ރައީސް ޔާމީންގެ ގެކޮޅަށް އެފައިސާ ގެންދިޔުމަށްފަހު، ދެން އެ ފައިސާ ގޯނި ގޯންޏަށް ލައިގެން، ފޮށި ފޮށިގަނޑަށް ލައިގެން، އެކި ގޮތްގޮތުން، ގެންދިޔައީ ކޮންކޮން ގޭގެއަކަށްތޯ. އަޅުގަނޑަކަށް އެ މައުލޫމާތު ދިނީ ފައިސާ ބެހި ކުދިން. ކަންތައް ދިމާވި ގޮތަކީ އަޅުގަނޑު އިނގިރޭސިވިލާތުގައި ޖާން ޖެހުމާއެކު އަޅުގަނޑު އަތަށް ލިބުނީ އަދީބު ގެންގުޅުއްވި މޯބައިލް ފޯނާއި، އޭނާ ގެންގުޅުއްވި ލެޕްޓޮޕް. މިތަކެތި އަޅުގަނޑު ދެންނެވިން ހަވާލު ކުރައްވާށޭ އިނގިރޭސިވިލާތުގެ އިދާރާތަކާއި، ބައިނަލް އަގުވާމީ ފޮރިންސިކް ތަހުގީގު ކުރާ އިދާރާތަކާ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އަލްޖަޒީރާގެ ޑޮކިއުމަންޓްރީ ފިލްމަށް އިންޓަވިއުދިން މީހުންނަކީ އެކަން ކުރި މީހުން ކަމަށެވެ. އެމީހުންނަށް މިހާރު ވަނީ އިނގިރޭސިވިލާތުން ހިމާޔަތްދީފައި ކަމަށެވެ.
"ތަހުގީގު ކުރާ އިދާރާތަކުން ދިން ރިޕޯޓްތަކެއް. ތިބޭފުޅުންނަށް ފެނިލައްވާނެ އަލް ޖަޒީރާއިން ދެއްކި ޑޮކިއުމަންޓްރީ ފިލްމެއް. އޭގައި ކުއްޖަކު ކިޔާދޭނެ އޭނާ ފައިސާ ނަގައިގެން ގޮސް، ފައިސާ ގެންދާ ތަންތަނާ، ފައިސާ ގެންދާ ގޮތްތައް. މިއަދު އެ ކުދިންނަށް ވަނީ އިނގިރޭސިވިލާތުން ހިމާޔަތް ދީފައި. އެއީ އަދީބުގެ ކާރު ދުއްވަން އުޅުނު ކުއްޖަކާއި އަދީބު ކައިރީގައި އެހެން އުޅުނު ކުދިން. އެކުދިން ދީފައި އެބައޮތް މާ ތަފްސީލު ބަޔާނެއް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އެ ލިސްޓްގައި މިހާރުގެ މަޖިލީހުގެ ގިނަ މެމްބަރުން ހިމެނޭ ކަމަށާއި، ނަޒާހާތްތެރި މަޖިލީހެއް ބޭނުން ވެގެން މިއުޅެނީ އެހެންވެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ