މިއަހަރު ނިމޭއިރު ބިދޭސީންގެ އަދަދު އާބާދީގެ ތިރީސް އިންސައްތަ އަށް އަރާނެ - ގިނަ އަދަދެއްގެ ބޭރު ފައިސާ ދަނީ ބޭރުވަމުން!: ރައީސް ޞާލިޙް

މިއަހަރު ނިމޭއިރު ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދު އާބާދީގެ 30%އަށް އަރާނެ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގައި ހަރުލަންޖެހޭ ގިނަ އަދަދެއްގެ ބޭރު ފައިސާ ދަނީ ބޭރުވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 
ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޤައުމީ ތަރައްޤީގެ ހުންގާނު އަމާޒުވާންވާނީ، ފަރުދުންގެ ޞިއްޙީ ދުޅަހެޔޮކަމާއި، ފަރުދުންގެ އިޤްތިޞާދީ ކުރިއެރުމަށް ކަމަށެވެ. އިންސާނީ އަސާސީ ޙައްޤުތައް ހޯދައިދިނުމާއެކު، ތަޢުލީމީ ޤާބިލް ޖީލެއް ބިނާކުރުމަށް ކަމަށާއި ހަމައެފަދައިން، ފަރުދީ ތަރައްޤީއަށް ބޭނުންވާ މިންވަރަށް ރައްޔިތުން ބާރުވެރިކޮށްދިނުމަށް ކަމަށެވެ. 
"މިހާރުގެ އަންދާޒާތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު، 533،000 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ދިރިއުޅޭނެ. އޭގެ ތެރެއިން 30 އިންސައްތައަކީ ބިދޭސީން. އެމީހުންގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދަށް ފައިދާތަކެއް ލިބޭ. ނަމަވެސް ރާއްޖޭގެ އާމްދަނީގެ ވަރަށް މަތީ މިންވަރެއް، އެމީހުންގެ ސަބަބުން ރާއްޖެއިން ބޭރުވެގެންދާކަމީވެސް ފެންނާން އޮތް ޙަޤީޤަތެއް." ކަމަސްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނައި، އަވަސް ޙައްލެއް ހޯދަން ޖެހިފައިވާ މައްސަލައެއް ކަމަށާއި ވަޒީފާގެ ބާޒާރުގައި ބިދޭސީން މިހާރު އަދާކުރާ ދައުރު ފުރިހަމަކުރާނެ ދިވެހީންތަކެއް އުފެއްދިގެން ނޫނީ، ރާއްޖެއަށް ލިބޭ އާމްދަނީ، ގާދޫކޮލުން ބޭރުވިއަނުދީ ހިފެހެއްޓޭނެ ގޮތެއް ނޯންނާނެ ކަމަސްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަންކަމަށް ރިޢާޔަތްކޮށް، ރާއްޖޭގެ މަސައްކަތު އާބާދީގައި ދިވެހިންގެ ނިސްބަތް އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ