ޤައުމީ ތަރައްޤީގައި ސަރުކާރުން ގެންގުޅޭ އެންމެ އިސް ސިޔާސަތަކީ މީހުން ބިނާކުރުން: ރައީސް

ޤައުމީ ތަރައްޤީގައި ސަރުކާރުން ގެންގުޅޭ އެންމެ އިސް ސިޔާސަތަކީ މީހުން ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.
ދެހާސް އަށާރަވަނަ އަހަރު ޖީސީއީ އޭ-ލެވެލް އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަޝިޕާއި، ހައި އެޗީވާސް ސޮކްލަޝިޕް ލިބުނުކަމުގެ ލިޔުން ޙަވާލުކޮށްދެއްވުމަށް ސްޓެލްކޯ އޮޑިޓޯރިއަމްގައި މިއަދު ހަވީރު ބޭއްވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ފަދަ ކުރިއެރުން ޙާޞިލް ކުރުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ޤާބިލު ޖީލެއް ބިނާ ކުރުން ކަމަށެވެ.
ރައީސް ޞާލިޙު ވިދާޅުވީ މީގެ ކުރިން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުން ކިޔަވަން ޖެހެނީ، ސަރުކާރުން ކަނޑައަޅާފައި ހުންނަ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް ދާއިރާއަކުން ކަމަށާއި، ނަމަވެސް މިހާރު އެ އުޞޫލު ބަދަލުކުރައްވާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުން ފެށިގެން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުންނަށް، އެކުދިން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާ ގޮތަށް އުސޫލު ބަދަލު ކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދެން ސަރުކާރުން ބަދަލު ގެނައީ ހައި އެޗީވާސް ސްކޮލަޝިޕްގެ އުޞޫލުތަކަށް. މީގެ ކުރިން ހައި އެޗީވާސް ސްކޮލަޝިޕް ދެމުން އައީ ވަކި ދާއިރާތަކަކުން އަދި ވަރަށް މަދު ޤައުމުތަކަކުން. ނަމަވެސް ސަރުކާރުން މިހާރު ހަމަޖައްސާފައި ވާނީ އޯ.އީ.ސީ.ޑީ ޤައުމުތަކުން ވެސް އެ ދަރިވަރުންނަށް ކިޔެވޭ ގޮތަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން ގެނައި ބަދަލާ ގުޅިގެން، ހައި އެޗީވާސް ސްކޮލަޝިޕް ޙާޞިލްކުރާ ދަރިވަރުންނަށް، އިތުރު 36 ޤައުމަކުން ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެކަން ފާހަގަ ކުރައްވާފައެވެ. އޭގެ ތެރޭގައިވެސް ގިނައީ، ޔޫރަޕްގެ ޤައުމުތަކާއި، އެމެރިކާ އާއި އޭޝިޔާގެ ކުރިއަރާފައިވާ އެހެން ބައެއް ޤައުމުތައްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ތިޔަ ދަރިވަރުންގެ ކިބައިން އަޅުގަނޑު މިއަދު އެދެނީ، ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމް ޙާޞިލްކުރި ކަމުގައި ވިޔަސް، ދިވެހި ޤައުމަށް ޚިދުމަތް ކުރުމަކީ، ތިޔައިން ކޮންމެ ކުއްޖެއްގެ އެންމެ އިސް ވާޖިބުކަމުގައި ހެދުމަށް. ތިޔައިގެ ތެރެއިން ހަމަ ކޮންމެ ދަރިއަކީ، މި ޤައުމަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ކުއްޖެއް. އަންނާން އޮތް ޖީލަށް މި ޤައުމު ގެންގޮސްދޭނެ ބަޔަކީ ހަމަ ތިޔަ ދަރިވަރުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ދޭ ސްކޮލަޝިޕްތަކުގެ ޙަޤީޤީ މަޤުޞަދު ޙާޞިލްވެގެން ދާނީ، ދަރިވަރުންނަކީ ޤާބިލް، ހުނަރުވެރި އަދި ޤައުމު އާރާސްތުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވެގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ