ބިދޭސީންގެ އަދަދު ކޮންޓްރޯލް ކުރެވޭނީ ވޯކް ވިސާ ދޭ ނިސްބަތް ކަނޑައެޅިގެން: ކޮންޓްރޯލާ

ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ކޮންޓްރޯލް ކުރެވޭނީ ބިދޭސީންނަށް ވޯކް ވިސާ ދޭ ވަކި ނިސްބަތެއް ކަނޑައަޅައިގެން ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު (ހަނަފީ) ވިދާޅުވެއްޖެ އެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މިހެން ވިދާޅުވީ ރާއްޖޭގައި ބިދޭންސީގެ އަދަދު އިންތިހާއަށް އިތުރުވެ، އެމީހުންގެ ފަރާތުން ގައުމުގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލަށް ސާމާލުވުމަށް އެދިވަޑައިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިދިޔަ އަންގާރަ ދުވަހު މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ދެއްކެވި ވާހަކަފުޅަށް ތާއީދު ކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.
ޕާޓްނާޝިޕް ފޯރަމްގައި ފުލުސް ކޮމިޝަނާ ވިދާޅުވެފައި ވަނީ ބިދޭންސީގެ އަދަދު ރާއްޖޭގައި އިންތިހާއަށް އިތުރުވެގެން ގޮސްފައިވާއިރު، އެމީހުންގެ ފަރާތުން ގައުމުގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލަށް ވިސްނަންޖެހޭ ކަމަށާއި ބިދޭސީންގެ އަދަދު ރާއްޖޭގައި އިތުރުވަމުންދާ މައްސަލަ ރަނގަޅަށް މެނޭޖުކުރަން ޖެހިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ކޮންޓްރޯލާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ބިދޭސީންގެ އަދަދު ކޮންޓްރޯލް ކުރަން ޖެހޭ ކަމަށާ އެކަން ހައްލު ކުރެވޭނީ ގައުމީ ނިސްބަތުން ވޯކް ވިސާ ދޭނެ އަދަދު ކަނޑައަޅައިގެން ކަމަށެވެ. އަދި ބިދޭސީންގެ މިފަދަ މައްސަލަތައް ހައްލު ކުުރުމުގައި ގައުމީ ފެންވަރުގެ މަސައްކަތްތައް ކުރެވި ނަތީޖާ ނެެރެވެން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ހަނަފީ ވިދާޅުވީ ބިދޭސީންގެ އަދަދު ކޮންޓްރޯލް ކުރުމުގެ މުހިއްމު މަސައްކަތެއް އަންނަ މަހު ކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް މިމަސައްކަތާ ގުޅޭ ތަފްސީލް ހިއްސާކުރައްވާފައެއް ނުވެ އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ގައުމީ މައްސަލައަކަށް ވެފައިވާއިރު ގަވައިދާ ހިލާފަށް ރާއްޖޭގައި 80،000 ވަރަކަށް ބިދޭސީން އުޅޭ ކަމަށް މައުލޫމާތު ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ