ބޭނުންވަނީ ރައީސް ސޯލިހްގެ ވައުދުތައް ފުއްދަން އެއްބާރުލުންދޭ މަޖިލީހެއް: ނައިބު ރައީސް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ މެނިފެސްޓޯގައި ހުރި ވައުދުތައް ފުއްދުމަށް އެމަނިކުފާނަށް އެއްބާރުލުން ލިބޭނެ މަޖިލީހެއް ރައްޔިތުން އިންތިހާބު ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. ފައިސަލް ނަސީމް ރޭ ވަނީ ގަމު ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ މަޖިލިސް ކެންޑިޑޭޓް، ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެންފަ އެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ފައިސަލް އެމްޑީޕީ މަޖިލިސް ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެންފައި މި ވަނީ ޖުމްހޫރީ ޕާޓީއާއި ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީއާ ވަރަށް ބޮޑަށް މައްސަލަ ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. އެ ޕާޓީން ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް އާ އެކު މަސައްކަތް ކުރެއްވުމަށް ނިންމަވައިފަ އެވެ. ލ. ގަމުގައި ރޭ ބޭއްވި ވިސާމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ރައީސް ސޯލިހްގެ މެނިފެސްޓޯގައި ރާއްޖޭގެ ތައްރައްގީއާއި ރައްޔިތުންނަށް ޓަކައި ކުރަން ކަނޑައަޅާފައިވާ އެތައް ކަންތައްތަކެއް އެބަހުރި ކަމަށާއި އެ ކަންތައްތައް ކުރެވޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ލިބިގެން ކަމަށެވެ. "އަޅުގަނޑުމެން އެކަންތައްތައް [ސަރުކާރުގެ ވައުދުތަށް] ކުރިއަށް ގެންދިއުމަށް ޓަކައި މިއަދުގެ ސަރުކާރަށް ކުރިމަތިވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ލިބެންޖެހޭ،" ފައިސަލް ނަސީމް ވިދާޅުވި އެވެ. ފައިސަލް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލް ކުރުމަށް ރައްޔިތުންގެ މަޖިލީސް ތެރެއިން ރައިސް ސޯލިހަށް އެއްބާރުލުން ލިބޭ ފަދަ ގޮތަކަށް ރައްޔިތުން، ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރައްވަން ޖެހޭ ކަމަށެވެ. "[ވެރިކަން] ތިޔަ ބޭފުޅުން އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކުރުމަށް ފަހު، މިއަދު އެމަނިކުފާނަށް ރާއްޖޭގެ ތައްރައްގީއަށް ޓަކައި ރައްޔިތުން ބޭނުންވާ ކަންކަން ހާސިލް ކުރުމަށްޓަކައި އެއްބާރުލުން ލިބޭނޭ ފަދަ ގޮތަކަށް މިއަދު ތިބޭފޫޅުން އެ މަޖިލިސް އިންތިހާބު ކުރުމަށް ވިސްނަވަން ޖެހޭ،" ފައިސަލް ވިދާޅުވި އެވެ. ގަމުގައި ބޭއްވި އެމްޑިޕީ ކެމްޕެއިން ޖަލްސާގައި ނައިބު ރައީސް ފައިސަލް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ ވިސާމް2019 ފައިސަލް ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބުކުރުމަށް ރައްޔިތުން މަސައްކަތް ކުރެއްވީ ފޮނި އުންމީދުތަކަ އެކު، ގިނަ ބަދަލުތަކެއް ރާއްޖެއިން ފެންނަން ބޭނުންވާތީ ކަމަށެވެ. އިންސާފުގެ މަގުގައި އިސްލާހަށްޓަކައި ރައްޔިތުން "ފެއްޓެވި ދަތުރު" އަދި ނުނިމޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވި އެވެ. ފައިސަލް ވިދާޅުވީ، އިސްލާހަށް ކުރެވޭ މަސައްކަތަކީ ވަކި ޕާޓީއެއްގައި ހުރެގެން ކުރަން ޖެހޭ މަސައްކަތެއް ނޫން ކަމަށާއި ކޮންމެ ޕާޓީއެއްގައި ހުއްޓަށް އެ މަސައްކަތް ކުރެވޭނެ ކަމަށެވެ. ޖަލްސާގައި ފައިސަލް ވަނީ ގަމު ދާއިރާއަށް ވާދަ ކުރައްވާ ވިސާމަށް ވެސް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވައިފަ އެވެ. ނައިބުރައީސް ފައިސަލް ޖަލްސާގައި ވިސާމްއާއެކު -- ފޮޓޯ/ވިސާމް 2019 ފައިސަލް ރޭ ޖަލްސާގައި ވިސާމަށް ތާއީދުކޮށް ވާހަކަ ދައްކަވާފައިވާ އިރު، ފައިސަލް ނިސްބަތްވާ ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއްޔެ ވަނީ އެ ޕާޓީގެ މެމްބަރުންނާއި އެ ޕާޓީގެ ފަރާތުން ސަރުކާރުގެ ވަޒީފާތަކުގެ ތިއްބެވި ފަރާތްތަކުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަށް އެދިވަދައިގެންފަ އެވެ. އަދި އެހެން ޕާޓީގެ ކެންޑީޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ނުކުރެއްވުމަށް ވެސް ގާސިމް އިލްތިމާސް ކުރެއްވި އެވެ. ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ގަމު ދާއިރާ އިން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ވެސް ވާދަ ކުރައްވަ އެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އެ ދާއިރާ އަށް ވާދަ ކުރައްވަނީ ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ވަކީލް އާދަމް އާސިފް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ