ﷲ އަށް ބިރުވެތިވިކަމަށްޓަކައި "އެންމެ ބޮޑެތި، އެންމެ ގިނަ ފާފަ" ކުރި މީހާއަށް ޢަފޫކުރެއްވެވި!- ޝައިޚް އަބޫބަކުރު ޒައުދު

އޭނާއަކީ ދުނިޔޭގައި އުޅުނުއިރު ބޮޑުވެގެން ކުޑަވެގެން އޭނާ ނުކުރާ އެއްވެސް ފާފައެއް ނެތެވެ! އޭނާއަކީ އެންމެ ބޮޑެތި ފާފަތައް އެންމެ ގިނައިން ކުރުމުގައި މުޅި ޢުމުރު ހޭދަކުރި މީހާކަމަށްވެސް ވެދާނެއެވެ. އެހައި ބޮޑެތި އެހައި ގިނަ ފާފަތައް އޭނާކުރިއެވެ. 
އޭނާ މުސްކުޅިވެ ބަލިކަށިވެ މަރުވާން ގާތްވުމުން ހުރިހާ ދަރިން އެއްކޮށްފައި ވަޞިއްޔަތް ކުރިއެވެ. މަރުވުން އޭނާގެ ހަށިގަނޑު ވަރަށް ވަރުގަދައަށް އަނދައި އަޅިއަށް ހެދުމަށެވެ. އަދި އެ އަޅިތައް ދެބައަށް ބެހުމަށްފަހު ވައިގަނދަ ދުވަހު ކަނޑަށް ނުކުމެ އެއްބައި ވަޔަށް ބުރުއްސައިލުމަށެވެ. އަދި އަނެއްބައި ވައިގަދަ ދުވަހަކު އެއްގަމުގައި ވަޔަށް ބުރުއްސައިލުމަށެވެ. 
އޭނާ މަރުވުމުން އޭނާކުރި ވަޞިއްޔަތާއި އެއްގޮތަށް ދަރިން ކަންތައް ކުރިއެވެ. 
ﷲ ތަޢާލާގެ އަމުރުފުޅަށް އޭނާ އަލުން ރުޖޫޢަކުރެވުނެވެ. އަދި އޭނާ މަރުވުމުން އޭނާގެ ހަށިގަނޑާއިމެދު އެގޮތަށް ކަންކަން ކުރަން ދަރިންނަށް އެގޮތަށް ވަޞިއްޔަތްކުރީ ކީއްވެގެންތޯ ސުވާލުކުރެއްވެވިއެވެ. ޖަވާބުގައި އޭނާ ދެންނެވީ އޭނާއަށް ކުރެވުނު ފާފަތައް ގިނަކަމުން ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަން ޖެހިއްޖެ ނަމަ ދޭނެ ޖަވާބެއް ނެތުމުން ﷲ ތަޢާލާއަށް ބިރުން ކަމަށެވެ. 
އޭނާގެ އެޖަވާބާއި ގުޅިގެން، އޭނާ އެހައިވަރަށް ﷲ ތަޢަލާއަށް ބިރުވެތިވީތީ އޭނާގެ ފާފަތަކަށް ﷲ ތަޢާލާ ޢަފޫކުރައްވަވައި ދެއްވެވިއެވެ. މިއީ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ. 
މީސްތަކުންނޭވެ! މި ޙަދީޘްފުޅުން އެނގިގެން މިދަނީ ﷲ ތަޢާލާއަށް ބިރުވެތިވުމުގެ ހުރި މުހިންމުކަން ބޮޑުކަމެވެ. މީސްތަކުންނަށް ޢިބްރަތަކަށް މިފަދަ ޙަދީޘްފުޅުތައް ހުރިނަމަވެސް ﷲ ތަޢާލާއަށް ޙަޤީޤީ ބިރުވެތިވުމަކީ ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިކަން އަދާކުރުމެވެ. ﷲ ތަޢާލާގެ އެންމެހައި އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުމެވެ. އެއގެ ތެރޭގައި ﷲ ތަޢާލާ ނަހީކުރެއްވެވި އެންމެހައި އެންމެހައި ކަންކަމަށް ބިރުވެތިވެ އެކަންކަމުން ދުރުހެލިވެ ހުރުންވެސް ހިމެނެއެވެ. ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ބިރުވެތިވުމަކީ އެއީއެވެ. 
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ