ޗައިނާ އިން އުޅެނީ ފައިސާ ދީގެން ގައުމު ހަލަބޮލި ކުރަން: އާޒިމް

ޗައިނާ އިން މަސައްކަތް ކުރަނީ ފައިސާ ދީގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލި ކުރަން ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި އާޒިމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ޗައިނާ އިން ނުވަނުމަށް އެދޭ ކަމަށާއި ފައިސާ ދީގެން ކަންކަން ނުކުރުމަށް ގޮވާލާ ކަމަށެވެ.
"ކަނޑައެޅިގެން ޗައިނާއިން ފައިސާ ދީގެން އަޅުގަނޑުމެންގެ މިއޮތް މާހައުލު، އަޅުގަނޑުމެންގެ މިގައުމު ހަލަބޮލި ކުރަން. މިއޮތް ނުރައްކާތެރި ދަނޑިވަޅުގައި މިގައުމު ހަލަބޮލި ކުރަން އެކުރާ މަސައްކަތް ނުކުރައްވާށޭ. އަޅުގަނޑު ބޭނުން ޗައިނާ ސަރުކާރަށް ވެސް އަދި ޗައިނާ ސަފީރާ އަޅުގަނޑު ބޭނުން މިވާހަތަކައް ދަންނަވަން. އެހެން ނަހައްދަވާށޭ" އާޒިމް ވިދާޅުވިއެވެ.
ޗައިނާ އިން ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަން ނުޖެހޭ ކަމަށާއި ޗައިނާ އަކީ ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަން ޖެހޭ ބައެއް ނޫން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އަދި މި ވާހަކަތައް ދައްކަން ދެރަވާ ކަމަށާއި ނަމަވެސް މި ކަންކަން ކުރުމަށް ޗައިނާ އިން ހަރަދުކުރާކަން އެނގިވަޑައިގަންނަވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
"ބަހުރުވަޔާއި ނިކުމެ އުޅޭ މީހުންނަށް ބަލާލީމަ އެނގޭނެ ކޮން ސަރުކާރަކުން ކާކުކަން މި ހަރަދު ކުރަމުން މިދަނީ. އެކަހަލަ ކަންތައްތައް ކޮށްގެން ހުރިހާ ގޯހެއް ހަދަމުން މިދަނީ" އާޒިމް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަވަށްޓެރި އިންޑިއާ އަށް ވުރެ ބޮޑަށް ރާއްޖެއިން ގުޅުންް ބަދަހިކޮށްފައިވަނީ ޗައިނާއާއެވެ. އެގޮތުން އެ ސަރުކާރުން ހިންގި ބޮޑެތި ގިނަ މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައިވަނީ ވެސް ޗައިނާގެ ކުންފުނިތަކަށެވެ.
ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އަލުން ވަނީ އިންޑިޔާއާ ގުޅުން ބަދަހިކުރަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ