އދއާއެކު 28.3 މިލިއަން ރުފިޔާގެ 2 ޕްރޮޖެކްޓްގައި ސަރުކާރުން ސޮއިކޮށްފި

އދ، އާއެކު ދެ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރާއި އދ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި ޑޮކިއުމެންޓްތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އަދި އދގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވޯލް އެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، މީގެ ތެރޭގައި ހިމެނޭ ފުރަތަމަ ޕްރޮޖެކްޓަކީ ޖޮއިންޓް އެސް.ޑީ.ޖީ ފަންޑުން ޚަރަދުކުރާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މިއީ އިންޓަގްރޭޓެޑް ނޭޝަނަލް ފައިނޭންސް ފްރޭމްވަރކް އެއް އޮޕަރޭޝަނަލައިޒް ކުރުމަށް ދެ އަހަރު ދުވަހުގެ މުއްދަތަށް ސަރުކާރާއި، އދގެ އެޖެންސީތަކާ އަދި މަދަނީ ޖަމްއިއްޔާތައް ގުޅިގެން ހިންގާ މަޝްރޫއެއް ކަމަށާއި، މި ޕްރޮޖެކްޓަށް 21.6 މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
މިއީ މޫސުމީ ބަދަލުތަކާއި، އިޖްތިމާޢީ މުހިއްމު ކަންކަމަށް ފައިސާ ހަމަޖެއްސުމުގައި މާލީ ރޭވުންތެރިކަން އިތުރަށް ހަރުދަނާކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ. މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ސަރުކާރުން ކުރަމުންދާ ދުރުރާސްތާ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު އެހީއެކެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، ދެވަނަ ޕްރޮޖެކްޓަކީ ކޮވިޑް-19 ގެ ނުރައްކާ އޮތް އާބާދީއަށް ސައިކޯ-ސޯޝަލް ސަޕޯޓް ދިނުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އދ އާއި ދިވެހި ސަރުކާރުން ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. މި ޕްރޮޖެކްޓަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޔޫއެން ކޮވިޑް ރެސްޕޯންސް އެންޑް ރިކަވަރީ މަލްޓި-ޕާޓްނަރ ޓްރަސްޓް ފަންޑުން ކަމަށާއި، ކުރިއަށް އޮތް 5 މަސް ދުވަހުގެ މުއްދަތަށް، ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގައި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުގަޔާއި، ވަލްނަރަބަލް ކޮމިއުނިޓީއަށް ސައިކޯ-ސޯޝަލް ސަޕޯޓް ދިނުން އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ