ހަދީސްއެއް އެބައޮތޭ ބުނުމަކުން ކަމަކު ނުދޭ، ދިރާސާ ކުރަން ޖެހޭ: ޝެއިހް ހުސެއިން ރަޝީދު

އިސްލާމް ދީނާ ގުޅޭ ކަންކަމުގައި ހަމައެކަނި ކީރިތި ރަސޫލުﷲ صلى اللّه عليه وسلم ގެ ހަދީސްއެއް އޮތް ކަމަށް ބުނުމުން ނުފެދޭ ކަމަށާއި، އެ ހަދީސް އާ ގުޅޭ ގޮތުން ދިރާސާވެސް ކުރަން ޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް ހުސެއިން ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ހުސެއިން ރަޝީދު ތަރުޖަމާކުރައްވާ ސަހީހް މުސްލިމްގެ 11 ވަނަ ފޮތް ނެރުމަށް އެމްޑީޕީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭނާ ވިދާޅުވީ، ކީރިތި ރަސޫލާގެ ބަސްފުޅުތަކަކީ އިލްމީ މުއްސަނދިކަމެއް ކަމަށެވެ. އެއް މައްސަލައަކާއި ގުޅޭ އެތައް ހަދީސް އެއް ހުންނައިރު އެންމެ ހަދީސްއެއް އޮތް ކަމަށް ބުނެފައި ނިންމާލުމުން ނުފުދޭ ކަމަށާއި އެ ހަދީސްގެ ސައްހަ މިނާއި އެހެން ކަންކަމާއި ގުޅޭގޮތުންވެސް ދިރާސާ ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ފަހަކަށް އައިސް ކުޑަކުދިންގެ ކައިވެންޏާއި މެދު ވަރަށް ގިނައިން ވާހަކަ ދެކެވޭކަން ފާހަގަކުރައްވާ ޝެއިހް ހުސެއިން ވަނީ ކުޑަކުދިންނާއި ކައިވެނިކުރުމާއި، ކުޑަކުދިން ހަނގުރާމައިގައި ބައިވެރިކުރުމުގައި ރަސޫލުﷲ صلى اللّه عليه وسلم އަމަލު ކުރެއްވި ގޮތަށް އަލި އަޅުވާލައްވާފައެވެ.
ކުޑަކުދިންނާއި ކައިވެނިކުރުމުގައި އެންމެ ބޮޑު ދަލީލަކަށް ނަގަނީ ރަސޫލުﷲ صلى اللّه عليه وسلم އައިޝަތުގެފާނާއި ކައިވެނި ބެއްލެވި އިރު އެކަމަނާއަށް 9 އަހަރު ކަމަށާ، ރޭ ކުރެއްވީ 10 އަހަރުގައި ކަމަށް ބުނާ ދަލީލުން ކަން ޝެއިހް ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް ސައްހަ ހަދީސްފުޅުތަކުން އައިޝަތުގެފާނު ރަސޫލާ ސައްލައްﷲ އަލައިހިވަސައްލަމަ އާއި ކައިވެނި ބައްލަވައިގަތް އިރު އުމުރުފުޅަކީ އެއީ ނޫންކަން އެނގެން ހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން އައިޝަތުގެފާނު ބަދުރު ހަނގުރާމައާ އުހުދު ހަނގުރާމާގައި ބައިވެރިވެވަޑައިގެން، ޒަހަމްވި ހަނގުރާމަވެރިންނަށް ފެންފޮދު އެރުވުމާއި، ޝަހީދުވާ މީހުންނަށް ޚިދުމަތްކުރެއްވުމުގައި އުޅެއްވިކަން ކަމަށް އެނގެން އޮންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
އެކަން އެހެން އޮތް އިރު ރަސޫލުﷲ صلى اللّه عليه وسلم ހަނގުރާމަތަކުގައި މީހުން ބައިވެރިކުރައްވާއިރު، 15 އަހަރު ނުވާ އެއްވެސް ފިރިހެން ކުއްޖަކުވެސް ހަނގުރާމައިގައި ބައިވެރިނުކުރައްވާކަން ސައްހަ ލިޔެކިޔުންތަކުން އެނގޭކަމަށް ހުސެއިން ވިދާޅުވިއެވެ.
"އިބްނު އުމަރުގެ ރިވާޔަތް އަންނާނެ، އެކަލޭގެފާނު ވިދާޅުވަނީ ތިމަން ކަލޭގެފާނު ދިޔައިމޭ އުހުދު ހަނގުރާމައިގައި ބައިވެރިވާން. އޭރު ތިމަންގެ އުމުރުފުޅަކީ 14 އަހަރޭ. ރަސޫލުﷲ ސައްލައްﷲ އަލައިހިވަސައްލަމަ ބައިވެރިނުކުރެއްވިއޭ. ދެން ތިމަން ދިޔައީމޭ ހަންދަގު ހަނގުރާމައިގައި ބައިވެރިވާން އޭރު ތިމަންނަގެ އުމުރުން 15 އަހަރޭ. އެއީ ހިޖުރައިން 4ގައި. ދެން އެދުވަހު އެފަހަރު ތިމަންނަ ބައިވެރި ނުކުރައްވައޭ. އޭރު 15 ވެއްޖެކަމަށް އެބަވޭ ސައްހަ ހަދީސްތަކުގަ." ޝެއިހް ހުސެއިން ވިދާޅުވިއެވެ.
އެހެންކަމުން 15 އަހަރު ނުވާ ފިރިހެން ކުއްޖަކުވެސް ހަނގުރާމައިގައި ބައިވެރި ނުކުރައްވާއިރު، އަންހެން ކުއްޖަކު 10 އަހަރުން ބައިވެރި ކުރައްވާފާނެ ކަމާއި މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް އޭނާ ވިދާޅުވީ، ދިރާސާތަކުން އައިޝަތުގެފާނުގެ ދައްތަ އަސްމާއަށް ވުރެ އެކަމަނާ ހަގީ 10 އަހަރު ކަމަށެވެ. އަސްމާ އިސްލާމްވެވަޑައިގެން ހިޖުރަކުރެއްވި އިރު އުމުރުފުޅަކީ 27 އަހަރު ކަަމަށް އޭނާ ވިދާޅުވިއެވެ.
"ބައެއް ރިވާޔަތްތަކުގައި އަންނާނެ، އައިޝަތުގެފާނު ރިވާކުރައްވާފައިވާ ވާހަކަ، އެކަމަނާ ވިދާޅުވަނީ ތިމަން ރޯނުފިލާ ދުވަސްވަރެއް ނެތޭ ބައްޕަ އާއި މަންމަަ އިސްލާމްވެވަޑައިގެން، އުޅުއްވާ ވަގުތު. އަދި ރަސޫލުއްﷲ ސައްލައްﷲ އަލައިހިވަސައްލަމަ ކޮންމެ ދުވަހަކު ތިމަންގެ ގެއަށް ވަޑައިގަންނަވައޭ. ރޯ ނުފިލާ ދުވަހެއް ނެތޭ. މާނަޔަކީ އަބޫބަކުރުގެފާނާއި އަނބިކަނބަލުން އިސްލާމްވެވަޑައިގަތް އިރުގައި އެކަމަނާ ރޯފިލާފައޭ ހުރީ. މީހަކު ރޯފިލާނީ، ކުޑަކުއްޖެއް ރޯފިލާނީ ކިހާވަރަކަށް އުމުރުން ބޮޑުވީމަތޯ." ހުސެއިން ވިދާޅުވިއެވެ.
ކުޑަކުއްޖަކު ރޯފިލާނީ އެންމެ ދަށްވެގެންވެސް 5 އަހަރުގައި ކަމަށާ، އެހެންކަމަށް ވާނަމަ އެކަމަނާ ހިޖުރަކުރެއްވީ 13 އަހަރުގައި ކަމަށް ވާއިރު، އައިޝަތުގެފާނު ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމައާއި ކައިވެނި ބައްލަވައިގަތީ 18 އަހަރުގައި ކަމަށް ދިރާސާތަކުން ސާބިތުވާ ޝެއިހް ހުސައިން ވިދާޅުވިއެވެ.
އަދި ރޭކުރެއްވީ 20 ނުވަތަ 21 އަހަރުގައި ކަމަށް އެ ދިރާސާތަކުން އެނގޭ ކަމަށެވެ. އެއަށް އިތުރަށް ދަލީލުދޭ ކަންކަން ހުރިކަން ފާހަގަކުރައްވާ ހުސެއިން ވިދާޅުވީ ރަސޫލާގެ ދަރިކަލުން ފާތުމަތުގެފާނު އައިޝަތުގެފާނަށް ވުރެ 2 އަހަރު ދޮށިކަމަށް އެނގޭ ކަމަށާއި، ފާތުމަތުގެފާނު މަދީނާއަށް ވަޑައިގަތުމުން އަބޫބަކުރުގެފާނު އެކަމަނާ އާއި ކައިވެނި ބައްލަވައިިގަންނަވަން އެދިވަޑައިގަތް ކަމަށެވެ.
އެހެންނަމަވެސް އަބޫބަކުރުގެފާނާއި، އުމަރުގެފާނާއި އެހެން ބޭފުޅަކުވެސް ފާތުމަތުގެފާނާއި ކައިވެނި ބައްލަވައިގަންނަވަން އެއްސެވުމުން، ކޮންމެ ބޭފުޅަކަށްވެސް ދެންނެވީ އެފަދައިން ކަމަށް ހުސެއިން ވިދާޅުވިއެވެ.
އޭރު އައިޝަތުގެފާނަށް ވުރެ ފާތިމަތުގެފާނު ދޮށިއިރު، ރަސޫލުﷲ صلى اللّه عليه وسلم ކުޑަކުއްޖަކާއި ބޮޑު މީހަކާއި ކައިވެނިކޮށްނުދެއްވި އިރު ޙުދު އެކަލޭގެފާނު ކުޑަކުއްޖަކާ ކައިވެނި ބައްލަވައިގަންނަވަންވީ ސަބަބަކީ ކޮބާތޯ ހުސެއިން ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން ރަސޫލުﷲ صلى اللّه عليه وسلم އައިޝަތުގެފާނާއި ކައިވެނިބައްލަވައިގަތް އިރު 6 އަހަރުކަމަށް ބުނާ ބުހާރީގެ ރިވާޔަތަކީ، އައިޝަތުގެފާނުުގެ ދައްތަގެ ދަރިކަލުން، ރޫޢާގެ ދަރިކަލުން، ހިިޝާމްގެ ރިވާޔަތެއް ކަމަށް ހުސެއިން ވިދާޅުވިއެވެ.
ހިޝާމް އެ ރިވާޔަތް ރިވާކުރެއްވީ އިރާގުގައި ކަމަށާއި، 50 އަހަރު މަދީނާގައި އުޅުއްވި އިރު އެ ރިވާޔަތް މަދީނާ އާއި މައްކާގެ އެއްވެސް ބޭފުޅަކު ރިވާކުރައްވާފައި ނުވާކަމަށް ހުސެއިން ވިދާޅުވިއެވެ.
ހިޝާމްއަކީ ސައްހަ ސިގާ ރާވީ އެއް ކަމަށް ވީނަމަވެސް އުމުރުން ދޮށި އުމުރުފުޅުން ދޮށިވުމަށް ފަހު ބައެއްކަންކަން ހިޝާމް އަށް އޮޅިވަޑައިގެންފައި ހުރި ކަމަށާއި، އިސްލާމް ދީނާއި މެދު މީހަކު އެއްޗެއް ބުނާ އިރަށް ދިރާސާނުކޮށް ކަންކަން ގަބޫލުކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ