ލިވަޕޫލުން ފަހަތުން އަރައި އާސެނަލް ބަލިކޮށްފި

ލިވަޕޫލް (ސެޕްޓެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ފަހަތުން އަރައި 3-1 އިން އާސެނަލް ބަލިކޮށްފި އެވެ.
މި މެޗުގެ ކުރިން އެންމެ ފަހުން އާސެނަލާ ދެކޮޅަށް ކުޅުނު ދެ މެޗުން ލިވަޕޫލް ވަނީ ބަލިވެފަ އެވެ. އެއީ މިދިޔަ ސީޒަނުގައި ލީގުގައި އާސެނަލް ދަނޑުގައި ކުޅުނު މެޗުންނާއި މި ފަހަރުގެ ސީޒަން ފެށުމުގެ ކުރިން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ޕެނަލްޓީ ޖަހައިގެންނެވެ. އިނގިރޭސި ލީގު ކަޕްގައި ބުރާސްފަތި ދުވަހު އާސެނަލާއި ލިވަޕޫލް ބައްދަލުކުރާނެ އެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން އެ ޓީމުން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. ސަޑިއޯ މާނޭ ޖެހި ބޯޅައެއް އާސެނަލް ގޯލްކީޕަރު ބާން ލޭނޯ މަތަކުރިއިރު، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. ލިވަޕޫލުން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުން ދަނިކޮށް އާސެނަލަށް ލީޑުނަގައިދިނީ އަލެކްސަންޑަ ލަކަޒޭޓް އެވެ. މެޗުގެ 25 ވަނަ މިނިޓްގައި ލަކަޒޭޓް މި ލަނޑު ޖެހީ ލިވަޕޫލްގެ އެންޑީ ރޮބަޓްސަން ހެދި ގޯހެއްގެ ފައިދާނަގައިގެންނެވެ.
އާސެނަލަށް ލީޑުހިފަހައްޓައިލެވުނީ ދެ މިނިޓް ވަންދެނެވެ. މެޗުގެ 27 ވަނަ މިނިޓްގައި މާނޭ ވަނީ ލިވަޕޫލަށް އެއްވަރުކޮށްދީފަ އެވެ. ލިވަޕޫލްގެ މުހައްމަދު ސަލާހު ޖެހި ބޯޅަ ކީޕަރު ލެނޯ އަތުގައި ޖެހިފައި މާނޭ އަށް ލިބުމުން އޭނާ ވަނީ ހަމަޖެހިފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ މި ސީޒަނުގައި މާނޭ ޖެހި ތިން ވަނަ ގޯލެވެ.
ލިވަޕޫލްގެ މާނޭ (ކ) ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ 34 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދިނީ ރޮބަޓްސަން އެވެ. މިއީ އާނޯލްޑް ޖެހި ދިން ބޯޅައަކުން ރޮބަޓްސަން ހުސްކޮށް އަރައި ޖެހި ގޯލެކެވެ.
ދެ ވަނަ ހާފްގައި އާސެނަލަށް އަލުން ލީޑިނަގައިދޭން ލަކަޒޭޓް އަށް ރަނުގެ ފުރުސަތެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ. ލިވަޕޫލްގެ އޮފްސައިޑް މަޅިން ސަލާމަތްވެ ހުސްކޮށް އަރައި ލަަކަޒޭޓް ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.
ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވުލްވްސް ދޫކޮށް 40 މިލިއަން ޕައުންޑަށް ލިވަޕޫލާ ގުޅުނު ޕޯޗުގީސް ވިންގް ޑިއޯގޯ ޔޮޓާ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ޔޮޓާ މި ލަނޑު ޖެހީ އޭރިއާ ރޮނގުކައިރިން ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. ލަނޑު ޖެހުމުގެ ކުރިން ޔޮޓާ އަތުން ރަނގަޅު ފުރުސަތެއް ގެއްލުނެވެ.
މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އާސެނަލް އޮތް ފޯމުގެ ސަބަބުން މެޗާ މެދު ސަމާލުވާން ޖެހޭ ވަރު އިތުރުވި ކަމަށާއި އެކަމަކު މުޅި މެޗަށް ބަލާއިރު މިއީ ލިވަޕޫލުން ކޮންޓްރޯލް ނަގައިގެން ހޯދި މުހިއްމު މޮޅެއް ކަމަށެވެ.
"ތެދެއް އާސެނަލަށް ވެސް ފުރުސަތުތަކެއް ލިބުނު. މޮޅު ކުޅުންތެރިން ތިބި ޓީމަކަށް ފުރުސަތު ލިބުމަކީ މައްސަލައެއް ނޫން. އެކަމަކު އަހަރެމެންގެ ތަފާތަކީ އެ ފުރުސަތުތައް ގޯލަށް ހަދައިގެން މޮޅުވުން. އެކަން ހާސިލްވެއްޖެ،" ކްލޮޕް ބުންޏެވެ.
ލީގުގައި މިރޭ ފުލަމް އަތުން 3-0 އިން މޮޅުވެ އެސްޓަން ވިލާ ވަނީ ރެކޯޑް ދަމަހައްޓައިފަ އެވެ. ލީގުގައި އާދިއްތަ ދުވަހުގެރޭ އެސްޓަން ވިލާ އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ލިވަޕޫލާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ