ރިޝްވަތުގެ ތުހުމަތުގައި ރުމޭނިޔާގެ ރެފްރީޒް ކޮމިޝަނުގެ ރައީސް ހައްޔަރުކޮށްފި

ބުކަރެސްޓް (ސެޕްޓެމްބަރު 25) ފުރަތަމަ ޑިވިޝަނުގެ ކްލަބެއްގެ ސްޕޮންސަރު އަތުން ރިޝްވަތު ނެގި ކަމުގެ ތުހުމަތުގައި ރުމޭނިޔާގެ ރެފްރީޒް ކޮމިޝަނުގެ ރައީސް ހައްޔަރުކޮށްފި އެވެ. އެންޓި-ކޮރަޕްޝަން ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ ރެފްރީޒް ކޮމިޝަންގެ ރައީސް ވަސީލް އަވްރަމް ހައްޔަރުކުރީ ކްލަބު، އެފްސީއެމް ޓާގޫ މާރެސް ސްޕޮސަކޮށްފައިވާ ވިޔަފާރިވެރިޔާ ފްލޮރިން ޓާބިއާ އަތުން ރިޝްވަތުގެ ގޮތުގައި 19،000 ޔޫރޯ ނަގާފައިވާތީ އެވެ. އަދި މި ފައިސާ އޭނާ ނެގީ އެ ކްލަބަށް ރަނގަޅު ގޮތަކަށް ނިންމާނެހެން ހީވާ ރެފްރީން އެ ޓީމުގެ މެޗުތަކަށް ހަމަޖައްސާ މަތިންނެވެ. މި މައްސަލާގައި ޓާބިއާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ޓާބިއާގެ ޓީމު ކުޅުނު ހަތް މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ރުމޭނިޔާގެ ރެފްރީންގެ ކޮރަޕްޝަނުގެ މައްސަލަތައް ދޭތެރެ ދޭތެރެ އިން ފެންމަތިވެ އެވެ. އަދި 2009 ވަނަ އަހަރު ވެސް ވަނީ މިފަދަ ކޮރަޕްޝަނުގެ މައްސަލައެއް ކުރިމަތިވެ، ރެފްރީޒް ކޮމިޝަނުގެ އޭރުގެ ރައީސް ހައްޔަރުކޮށްފަ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ