ފުވައްމުލަކާއި ހިމަންދޫގެ އެމްޑީޕީ ދެ ކައުންސިލަރެއްގެ ގޮނޑި ގެއްލިއްޖެ

ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް ހަސަން ސައީދާއި އއ. ހިމަންދޫ ރަށު ކައުންސިލްގެ މެންބަރު އަބްދުﷲ ޖަމީލަކީ އެ ދެ ކައުންސިލްގެ މެންބަރުން ކަމަށް ބެލެވޭނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ބުދަ ދުވަހު ހުކުމްކޮށްފި އެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެމްޑީޕީގެ ހަސަން ސައީދަކީ ސާބިތު ދަރަންޏެއް އޮތް މީހެއްކަން ލިޔުންތަކުން އެނގޭ ކަމަށެވެ. އަދި އޭނާ އެ ފައިސާ ދައްކާފައި އޮތް ނަމަވެސް ދައްކާފައި ވަނީ ހުކުމާ އެއްގޮތަށް ނޫންކަން ވެސް އެނގެން އޮންނަ ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ނ. ގެ އެއް ވަނަ ނަންބަރުގައި ބުނެފައިވާ ގޮތުން ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ނަމަ އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު ފުރިހަމަ ނުވާނެ ކަމަށް ބުނެފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ. އެހެންކަމުން ހަސަން ސައީދަކީ ގާނޫނީ ގޮތުން އެ ކައުންސިލްގެ މެންބަރެއް ކަމަށް ބެލެވޭނެ ތަނެއް ނެތް ކަމަށް އެ ކޯޓުން ހުކުމް ކުރި އެވެ. "ޏ. ފުވައްމުލަކު، އެއްގަމިގެ، ހަސަން ސައީދަކީ [ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު]ގެ ދަށުން އިންތިހާބުވެފައިވާ ޏ. ފުވައްމުލަކު އަތޮޅު ކައުންސިލްގެ މެންބަރެއް ކަމަށް ގާނޫނީ ގޮތުން ބެލެވޭނެ ތަނެއް ނެތް ކަމަށް ހުކުމްކޮށްފިން،" އެ ހުކުމުގައިވެ އެވެ. ހިމަންދޫ ކައުންސިލަރު އެމްޑީޕީގެ އަބްދުﷲ ޖަމީލުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ބުނެފައި ވަނީ އޭނާއަކީ ކުރީގެ ފުލުސް ކޯޓުން ވައްކަން ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއް ކަމަށެވެ. އަދި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާ މީހަކަށް އިންތިހާބުގައި ބައިވެރިނުވެވޭނެ ކަމަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ނ. ގެ ހަތަރު ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެ ކޯޓުން ބުނެ އެވެ. ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ މީހަކު އެ އިންތިހާބުގައި ވާދަކޮށް މެންބަރު ކަމަށް ހޮވިފައިވީ ނަމަވެސް އެ ފަރާތަކީ ޝަރުތު ފުރިހަމަނުވާ ފަރާތެއް ކަމަށް ކަނޑައެޅި، އިންތިހާބުވި އިންތިހާބުވުން ބާތިލުވާނެ ކަމަށެވެ. އެހެންކަމުން އަބްދުﷲ ޖަމީލަކީ ހިމަންދޫ ރަށު ކައުންސިލްގެ މެންބަރެއް ކަމަށް ބެލެވޭނެ ތަނެއް ނެތް ކަމަށް ވެސް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ