ސްވިމިން އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ހުޝާމާއި ޒުހުރާ ޗެމްޕިއަންކަން ހޯދައިފި

ނުވަ ވަނަ ސްވިމިން އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން އަހުމަދު ހުޝާމް އަދި 13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ފާތިމަތު ޒުހުރާ އިސްމާއިލް ހޯދައިފި އެވެ. ސޯޅަ އަހަރުން ދަށުގެ ފިރިހެން ބައިން ދެ ވަނަ ނިޝާން އިބްރާހިމް ހޯދިއިރު ތިން ވަނަ ހޯދީ އިސްމާއިލް ނާހިލް ނަސީމެވެ. ތޭރަ އަހަރުން ދަށުގެ އަންހެން ދެ ވަނަ މަގާމް އައިމިނަތު އަޒްކާ އާދިލް ހޯދިއިރު ތިން ވަނަ އަކީ އައިޝަތު އަންހާ ހައިޝަމް އެވެ. ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ބޭއްވި މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ތައްޔިބު އިބްރާހިމް ހޯދިއިރު ދެ ވަނަ އަކީ އަބާން މުހައްމަދު ޒާހިރެވެ. ތިން ވަނަ އަކީ މުހައްމަދު ނައްވާރު އިބްރާހިމެވެ. މުބާރާތުގެ 11 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ނަވާލް އިބްރާހިމް ހަސަން ހޯދިއިރު ދެ ވަނަ އަކީ އަންމާއު އަހުމަދު ސަލީމެވެ. ތިން ވަނަ ހޯދީ ޝިރުއަތު އަލީ ޝަރީފެވެ. މި އުމުރުފުރާގެ ފިރިހެން ބައިގެ ޗެމްޕިއަން މުބަލް އައްޒާމް އިބްރާހިމް ހޯދިއިރު ދެ ވަނަ އަކީ އާލް އުލްވާން އެވެ. ތިން ވަނަ އަކީ މުހައްމަދު އަލޫފް އަހުމަދާއި އިބްރާހިމް ޝަމަކް ރިޔާޒެވެ. މުބާރާތުގެ ނުވަ އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން އައިޝަތު ޒީބާ ހާމިދު ހޯދިއިރު ދެ ވަނަ އަކީ ސާރާ އައިޝާ އެވެ. ތިން ވަނަ އަކީ އީމާ މުހައްމަދު ފަހުމީ އެވެ. މި އުމުރުފުރާގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ދުވޭމީ އިބްރިމް ޝަފީގާއި މުހައްމަދު ރާއިރު އިސްމާއީލެވެ. ދެ ވަނަ މަގާމް އަހުމަދު ޝިމްލާން ރަޝީދު ހޯދިއިރު ތިން ވަނަ އަކީ އަބްދުﷲ ޔަޒްދާން ޒާހިދެވެ. މުބާރާތުގައި ފަސް އުމުރުފުރަ އިން 61 ފެތުންތެރިން ވާދަކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ 35 ފިރިހެން ބައިވެރިންނާއި 26 އަންހެން ބައިވެރިންނެވެ. މި މުބާރާތަކީ އިންޑިވިޖުއަލް ފެތުންތެރިންގެ މުބާރާތަކަށް ވާތީ އެއްވެސް ޓީމަކަށް އަދި ސްކޫލެއްގެ ޓީމަކަށް ވެސް ބައިވެރިއެއް ނުވެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ