ޓިކެޓް އަގުބޮޑުކުރާތީ ޕީޕީއެމުން އެކަން ކުށްވެރިކޮށްފި

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނީގެ ދަރަނި ބޮޑުވެ، ގެއްލުން ފޫބެއްދުމަށްޓަކައި ފެރީ ޓިކެޓް އަގުބޮޑުކޮށްގެން ރައްޔިތުންގެ އަތުން ފައިސާ ނެގުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެމްޓީސީސީން ދަރަނި ފޫބެއްދުމަށްޓަކައި އެ ކުންފުނީގެ ވަޒީފާގައި ތިބި މީހުން ވަކިކުރުމާއި ފެރީ ހިދުމަތުގެ އަގުބޮޑުކުރުން ފަދަ ކަންތައްތައް ކުރަމުން ދާ ކަމަށެވެ. އެ ކަންތައްތަކަކީ، ރައްޔިތުންގެ އަތްމަތި ދަތި ދުވަސްވަރެއްގައި ކުރަންވާނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ. "ރައްޔިތުންގެ ބޭނުންތައް ފުއްދައިނުދީ އިގްތިސާދު އިނދަޖެހުމުން މިދާ ދަނޑިވަޅުގައި ރައްޔިތުންގެ އަތުން ނެގުނު ގޮތަކަށް، ހޯދުނު ގޮތަކަށް، ފައިސާ ނަގަން ހިންގަމުންދާ މިފަދަ ހުރިހާ އަމަލެއް މި ޕާޓީން ކުށްވެރިކުރަމެވެ،" ޕީޕީއެމްގެ ބަޔާނުގައި ވެ އެވެ. އެ ބަޔާނުގައި ބުނީ ޓިކެޓް އަގުބޮޑުކުރުމާ ދެކޮޅު ހެދުމުގެ ގޮތުން މުޒާހަރާކުރާ ފަރާތްތަކުގެ އިހްސާސްތައް ހާމަކުރުމުގެ ފުރުސަތު ނުދީ، ސަރުކާރުން ފުލުހުން ލައްވައި ބާރުގެ ބޭނުންކުރުވުމަކީ ވެސް އެ ޕާޓީން ކުށްވެރިކުރާ ކަމެއް ކަމަށެވެ. އެގޮތުން ޖެނީވާގައި ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތަށް، މުޒާހަރާކުރާ ފަރާތްތަކުގެ އަޑު ސަރުކާރުން އަހަން ޖެހޭނެކަން އަމަލީގޮތުން ދައްކަވަން ޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ. އެމްޓީސީސީން ފެރީ ޓިކެޓް އަގު ބޮޑުކުރުމާ ދެކޮޅަށް ވިލިމާލޭގައި މުޒާހަރާކުރަނީ: މުޒަހަރާގައި ފުލުހުން އާއްމުންނާ ކުރިމަތިލުމުގެ ބަދަލުގައި ޝުއޫރުފާޅުކުރުމުގެ މިނިވަންކަން ދިނުމަށް ޕީޕީއެމުން ގޮވާލާ "އަދި ރައްޔިތުންގެ އިހްސާސްތަކާއި ޝުއޫރު، ފާޅުކުރުން ހުއްޓުވުމަށް މުގުރާއި ޕެޕަ ސްޕްރޭ ފަދަ އާލާތްތައް ބޭނުން ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ގޮވާލަމެވެ،" އެ ބަޔާނުގައި ވެ އެވެ. ޕީޕީއެމުން ބުނީ ހުޅުމާލެ އާއި ވިލިމާލޭގައި ކުރާ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ލައްވައި ސަރުކާރުން ހިންގާ ހަރަކާތްތައް ބަލައި ފޮޓޯ އާއި ވީޑިއޯ އަދި އެހެން ވެސް ހެކިތައް އެ ޕާޓީން އެއްކުރަމުން އަންނަ ކަމަށެވެ. އަދި އަނިޔާވެރި އަމަލުތައް ރައްޔިތުންނާ ދެކޮޅަށް ހިންގާ ފަރާތްތައް ޒިންމާދާރުކުރުވުމަށް އެ ޕާޓީން ފަސް ނުޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. ޕީޕީއެމުން ބުނިގޮތުގައި ރައްޔިތުންނާ ގުޅުން ހުރި މަސައްކަތްތައް ވިޔަފާރީގެ އުސޫލުން އެމްޓީސީސީން ފޯރުކޮށްދެމުން ދިޔަ ނަމަވެސް އެ ކުންފުންޏަށް ސަރުކާރުގެ ޕްރޮޖެކްޓައް ލިބުން މިހާރު ވަނީ ދަތިވެފަ އެވެ. އަދި އެ ޕްރޮޖެކްޓައް މިހާރު ދެނީ ސަރުކާރު ހިންގާ އެމްޑީޕީގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ކަމަށް ވެސް އެ ބަޔާނުގައި ޕީޕީއެމުން ވަނީ ތުހުމަތުކޮށްފަ އެވެ. އެމްޓީސީސީން ފެރީ ޓިކެޓް އަގު ބޮޑުކުރުމާ ދެކޮޅަށް ވިލިމާލޭގައި މުޒާހަރާކުރަނީ: މުޒަހަރާގައި ފުލުހުން އާއްމުންނާ ކުރިމަތިލުމުގެ ބަދަލުގައި ޝުއޫރުފާޅުކުރުމުގެ މިނިވަންކަން ދިނުމަށް ޕީޕީއެމުން ގޮވާލާ ހުޅުމާލޭ ފެރީގެ ޓިކެޓްގެ އަގުގެ ގޮތުގައި އަންނަ މަހުގެ 30 އިން ފެށިގެން ކޮޅަކަށް 8ރ. ނެގުމަށް އެމްޓީސީސީން ވަނީ ހަމަޖައްސައިފަ އެވެ. މިހާރު ކޮޅަކަށް ނަގަނީ 5ރ. އެވެ. ވިލިމާލެ އަށް ކޮޅަކަށް މިހާރު 3ރ. ނެގި ނަމަވެސް އަންނަ މަހު 30 އިން ފެށިގެން 5ރ. ނަގާނެކަން އެ ކުންފުނިން ވަނީ އިއުލާންކޮށްފަ އެވެ. މީގެ އިތުރުން އެމްޓީސީސީން ބުނީ ސައިކަލް ގެންދާ މީހުންގެ އަތުން، ޓިކެޓަށާ އެކު، ކޮޅަކަށް 20ރ. ނަގާނެ ކަމަށެވެ. އެ ބަދަލުތަކާ މެދު ގިނަ ބަޔަކު ގެންދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. މި މައްސަލައިގައި މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ބޮޑު މުޒާހަރާއެއް ކުރިއިރު، ވިލިމާލޭގައި އިއްޔެ ކުރި މުޒާހަރަ ފުލުހުން ވަނީ ރޫޅާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ