13 އަހަރުގެ ކުއްޖާއަށް އިހުމާލުވި އިދާރާތަކަށް އަދަބު ދޭން ނަޝީދު ގޮވާލައްވައިފި

އުމުރުން 13 އަހަރުގެ އަންހެން ކުއްޖެއް ބަލިވެއިން މައްސަލާގައި އިހުމާލުވި އިދާރާތަކަށާއި އެކަމަށް ހިތްވަރުދިން ފަރާތްތަކަށް ހައްގު އަދަބު ލިބެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ލަނޑާ ނެގުމުގެ މަސައްކަތްކުރާ ދޯނީގެ އިސްމީހެއްގެ ގޮތުގައި އުޅުނު ރ. މަޑުއްވަރީ މީހަކަށް އަނިޔާކޮށް ކަނޑަށް އެއްލާލި މައްސަލަ އިއްޔެ ފެންމަތިވެފައިވަނިކޮށް، އޭނާ އަކީ އުމުރުން 13 އަހަރުގެ ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި އެ ކުއްޖާ މިފަހުން ބަލިވެ އިނދެ އެ މައްސަލަ ޖެންޑާއިން ބެލިކަން ވެސް ކަށަވަރުވި އެވެ. ބަލިވެ އިން އަންހެން ކުއްޖާ ހުރީ ކުއްޖާގެ މަންމަގެ ބެލުމުގެ ދަށަށް ދޫކޮށްފައި ކަމަށް ވެސް އެނގިފައިވެ އެވެ. އަދި އެ ކުއްޖާ ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވިހައިފަ އެވެ. އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ 13 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ނާޖާއިޒް ބޭނުން ހިފައި ޖިންސީ ގޯނާކޮށް، އޭގެ ނަތީޖާއިން އެކުއްޖާ ބަލިވެ އިނދެ އެކުއްޖާއަށް މި ދިން އަނިޔާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. "މި ކަމުގައި އިހުމާލުވި އިދާރާތަކާއި ހިތްވަރުދިން ފަރާތްތަކަށް ހައްގު އަދަބު ލިބެން ޖެހޭ." ނަޝީދު ވިދާޅުވި އެވެ. ޖެންޑާ މިނިސްޓްރީން ބުނީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެއް ބަލިވެއިން މައްސަލާގައި ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެކަމާ މެދު އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަމަށް، ބުނެ އާންމުންގެ ފާޑުކިޔުން އަމާޒުވުމުން ޖެންޑާ މިނިސްޓްރީ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކުޑަ ކުއްޖަކު ބަލިވެއިންކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މިނިސްޓްރީން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ވަގުތުން ފުރިހަމަކުރި ކަމަށެވެ. "ތުހުމަތުކުރެވޭ ބޮޑެތި މީހުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް ތަހުގީގު އިދާރާއަށް ރަސްމީކޮށް އެދިފައިވާކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓްރީން އަރުވަމެވެ،" ޓުވީޓްގައި ބުންޏެވެ. ފުލުހުން ބުނީ ޖެންޑާއާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ