ޑީއާރުޕީގެ އަހަރީ ދުވަހާ ގުޅުވައިގެން ޒައީމް މައުމޫންގެ އޮފީހެއް ހުޅުވަނީ

ޑީއާރުޕީގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ވަރަށް ގިނަ ހަރަކާތްތައް ހިންގަން ހަމަޖެހިފައިވާ ކަމަށާއި އެންމެ މުހިންމު ކަމަކީ ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހެއް ހުޅުވުން ކަމަށް ޒެޑް ޑީއާރްޕީން މިއަދު ބުނެފި އެވެ.
ޒެޑްޑީއާރުޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަޖިސްޓްރާ މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ޑީއާރުޕީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ހަފުތާ ތެރޭގައި އެކި ކަންތައް ރާވާފައިވާއިރު އެންމެ މުހިއްމު ކަމަކަށް އޮތީ ޕާޓީގެ އެކި މަސައްކަތްތައް ރާވައި ނިންމުމަށް ވަކި އޮފީހެއް ހުޅުވުން ކަމަށެވެ. އަދި ޒައީމްގެ މި އޮފީސް ހިންގާނީ މިހާރު ވެސް އެ ފެކްޝަނުގެ ގިނަ މަސައްކަތްތައް ކުރަމުން އަންނަ، ވޭލް ސަބްމެރިންގެ އޮފީސް ހުންނަ ސަކީނާ މަންޒިލްގެ އަށް ވަނަ ބުރީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އޮފީސް ބުރާސްފަތި ދުވަހު ހުޅުވައިދެއްވުމަށް ހަމަޖެހިފައިވަނީ ޕާޓީގެ ޒައީމް މައުމޫނެވެ.
އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ އެފެކްޝަނުން ވަނީ ޖަލްސާއެއް ވެސް ބާއްވަން ނިންމައިފަ އެވެ.
މުންދު ވިދާޅުވީ އާޓިފިޝަލް ބީޗުގައި އޮންނަ އެ ޖަލްސާއަށް ޕާޓީގެ އިސް ބޭފުޅުންގެ އިތުރުން އިދިކޮޅު އެހެން ޕާޓީތަކުގެ އިސް ވެރިންނަށް ދައުވަތު ދެއްވާފައިވާ ކަމަށެވެ. އެ ޖަލްސާގައި މައުމޫން ބައިވެރިވެ ވަޑައިގެންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާޓީގެ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ފަރާތުން ވަނީ، އަންނަ އާދިއްތަ ދުވަހު ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ވެސް ހިންގުމަށް ނިންމައިފަ އެވެ.
ޕާޓީގެ ޒުވާނުންގެ ގޮފީގެ ނައިބު ރައީސް ޣައްސާން މައުމޫން ވިދާޅުވީ ރޯދަ މަހާ ދިމާކޮށް ލޭ ހަދިޔާކުރާ މީހުން މަދު ކަމަށް ފާހަގަކުރެވޭތީއާ އެކު ހިންގާ މި ޕްރޮގްރާމްގައި، ޕާޓީގެ ގިނަ މެމްބަރުންތަކެއް ލޭ ހަދިޔާ ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި "ޑީއާރުޕީގެ ނޫ ލޭ - ގައުމަށްޓަކައި" ނަމުގައި ހިންގާ އެ ޕްރޮގްރާމު ކުރިއަށް ގެންދާނީ މޯލްޑިވްސް ބްލަޑް ޓްރާންސްފިއުޝަން ސާވިސް (އެމްބީޓީއެސް)އާ ގުޅިގެން އެތަނުގެ އިމާރާތުގަ އެވެ. މިޕްރޮގްރާމްގައި އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން މުޅި ދުވަހު ލޭ ހަދިޔާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ޣައްސާން ވިދާޅުވި އެވެ. ރަށްރަށުގައި ތިބޭ މެމްބަރުންނަށް ވެސް، އެ ރަށެއްގައި ލޭ ހަދިޔާ ކުރެވޭނެ ގޮތެއް އޮތް ނަމަ، ލޭ ހަދިޔާކުރުމަށް ޣައްސާން އެދިވަޑައިގަތެވެ.
އާޓްފިޝަލް ބީޗު ކައިރީގައި ހުންނަ ޑީއާރުޕީގެ މައި ޖަގަހައިގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ހާއްސަ މިއުޒިކް ޝޯއެއް އޮންނަ އިރު، ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތައް އެ ޝޯގައި ނަން ނޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ޒެޑްޑީއާރުޕީން ބުނީ ޑީއާރުޕީގެ އެންމެ ރަން ޒަމާނުގައި ގިނަ އިޖްތިމާއީ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ ކަމަށާއި އެގޮތުން އެ ޕާޓީގެ އަހަރީ ދުވަހެއް ފާހަގަކުރުމަށް ޕާޓީން މީގެ ކުރިން ވެސް ލޭ ހަދިޔާ ކޮށްފައިވާ އިރު އެއީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ލޭ ހަދިޔާ ކުރި ޕްރޮގްރާމް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ