ޑޭވިޑް އަކީ ރާއްޖޭގެ ގާތް އެކުވެރިއެއް: ނަޝީދު

ވަޅިން ހަމަލާދީ އިއްޔެ އަވަހާރަކޮށްލި އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސަރ ޑޭވިޑް އެމްސް އަކީ ރާއްޖޭގެ ގާތް އެކުވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޑޭވިޑް އަވަހަރާވުމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޭވިޑް އަވަހަރާކޮށްލި ހަބަރާއެކު ޝޮކެއް ލިބިވަޑައިގެންފައިވާ ކަމަށާއި އޭނާ އަކީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ގާތް އެކުވެރިއެއް ކަމަށެވެ. އެގޮތުން ބްރިޓިޝް-މޯލްޑިވްސް އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕްގެ އިސްވެރިއެއްގެ ރޯލު ޑޭވިޑް އަދާކުރެއްވިކަން ނަޝީދު ފާހަގަކުރެއްވިއެވެ.
I am shocked and appalled at the news that @amessd_southend has been attacked and killed while carrying out his constituency duties. He was a good friend of the Maldives over many years, head of the Maldives All Party Parliamentary Group, and will be sorely missed.
— Mohamed Nasheed (@MohamedNasheed) October 15, 2021
ޑޭވިޑް ހިމެނޭހެން ބްރިޓިޝް-މޯލްޑިވްސް އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕުގެ ވަފްދެއް 2016 ވަނަ އަހަރު ވަނީ ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވާފައެވެ.
އިނގިރޭސިވިލާތުގައި ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީ އަށް ނިސްބަތްވާ ޑޭވިޑަށް ވަޅިން ހަމަލާދީފައިވަނީ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވަމުން ގެންދަވަނިކޮށެވެ. އެ ހަމަލާ ޑޭވިޑަށް ދިން މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
އުމުރުން 69 އަހަރުގެ ޑޭވިޑް ގެންދަވަނީ 1983 ވަނަ އަހަރުން ފެށިގެން އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން އަދާކުރައްވަމުންނެވެ.
އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު އަވަހަރާކޮށްލާފައިވާއިރު، 2016 ވަނަ އަހަރު ބަޑިން އަދި ވަޅިން ހަމަލާދީ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޖޯ ކޮކްސް ވަނީ އަވަހަރާކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ