ފައިސާގެ މުއާމަލާތްކުރުމުގައި ސަމާލުވުމަށް ބީއެމްއެލްގެ އިލްތިމާސްއެއް!

އެކި ނަންނަމުގައި ފޯނުން ގުޅައިގެން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުވައި މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާކަމުގެ ޝަކުވާތައް އަނެއްކާވެސް އިތުރުވަމުން އަންނާތީ ސަމާލުވުމަށް ގައުމީ ބޭންކުން އިލްތިމާސްކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ ތަފާތު މުދަލާއި ހިދުމަތް ފޯރުކޮށްދޭ ފަރާތެއް ކަމަށް ބުނެ އެކި ކަސްޓަމަރުންނަށް ގުޅަމުންދާކަމަށާއި އަދި ސޯޝަލްމީޑިއާ އެކައުންޓްތަކުގެ އެކްސެސް ހޯދައި، އެ ބޭނުން ކޮށްގެންނާއި ބައެއް ފޭކު ޕޭޖުތައް ހަދައިގެން، މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށެވެ.
އަދި މި ކޯލްތަކުގައި ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަދައްކަމުންދަނީ ވަރަށްވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ކަމަށްވެސް ބުނެފައިވެއެވެ.
ބީއެމްއެލުން ބުނެފައިވަނީ މިގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ފުރުސަތު އެ ފަރާތްތަކަށް ނުދިނުމުގެ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކަށް ދޭ އޯޑަރުތަކަށް ތަކެތި ލިބުމުގެ ކުރިން ފައިސާ ނުދެއްކުމަށް އިލްތިމާސްކުރާކަމަށެވެ.
އަދި ނުދަންނަ ފަރާތްތަކުން ގުޅައި ފައިސާ ފޮނުވައި ދިނުމަށް އެދި ކުރާ ކޯލްތަކަށް ޖަވާބު ނުދިނުމަށާއި އަދި އެކި ނަންނަމުގައި ކުރާ ފޯނު ކޯލުތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓް، އިންޓަރނެޓް ބޭންކިންގ އަދި ކާޑުގެ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށްވެސް އެދިފައިވެއެވެ.
ބީއެމްއެލްއިން ވަނީ ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކާ އެކު ފައިސާ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވުމަށް އެދިފައެވެ. އަދި ވީހާވެސް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް އިލްތިމާސްކޮށްފައިވެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ