ރިޓަޔަރމަންޓް އުވާލާ އައްޒާމް އެނބުރި ދަނޑަށް

ޕްރޮފެޝަނަލް ފެންވަރުގައި ފުޓުބޯޅައިން ރިޓަޔަރ ކުރަން ނިންމި ނިންމުން ބަދަލުކޮށް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު މުހައްމަދު އައްޒާމް، އަލުން ކުޅެން ފަށާ ދަނޑަށް އެނބުރި އައުމަށް ނިންމައިފިއެވެ.
ކާމިޔާބު ކެރިއަރަކަށްފަހު އައްޒާމް ފުޓުބޯޅަ ކުޅުން ހުއްޓާލިކަން ހާމަކޮށްފައިވަނީ ނ. ކެނދިކުޅުދޫގައި މިދިޔަ އަހަރުގެ މިނިވަން ދުވަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.
ރިޓަޔަރ ކުރާކަން ހާމަކޮށް އައްޒާމް ބުނީ ފުޓުބޯޅައިގައި ކާމިޔާބު ކުރަން ބޭނުންވި ހުރިހާކަމެއް ހާސިލްވީ ކަމަށާއި ރަށު ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައި އަދި ގައުމީ ފެންވަރުގެ އިތުރުން ބައިނަލް އަގުވާމީ މައިދާނުގައި ވެސް ދާން ބޭނުންވި އެންމެ އުހަށް ދެވުމުން ރިޓަޔަރ ކުރަން ނިންމީ ކަމަށެވެ.
ފުޓުބޯޅައިގެ އިތުރުން ފުޓްސަލްގައިވެސް ރާއްޖޭގައި ނަން ވިދާލި އައްޒާމް އޭރު ވީނިއުސް އާއި ވާހަކަދައްކަމުން ބުނެފައިވަނީ ދެން ފުޓްސަލްގައިވެސް މުބާރާތްތަކުން ނުވަތަ ވާދަވެރި މެޗަކުންވެސް ފެނުމުގެ ފުރުސަތު ނެތްކަމަށެވެ.
އުމުރުން 31 އަހަރުގެ އައްޒާމް ރިޓަޔަރމަންޓް އުވާލަން ނިންމި ސަބަބެއްކަމުގައި ބުނެފައިވަނީ، އަލުން އެނބުރި ކުޅެން ނިންމީ ގިނަ ސަޕޯޓަރުންގެ އެދުމުގެ މަތިން ކަމުގައެވެ.
ގައުމީ ޓީމަށްވެސް ކުޅެފައިވާ އައްޒާމް އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ފެށީ 2012 ވަނަ އަހަރު ބީޖީ ސްޕޯޓްސް ކުލަބުންނެވެ. ބީޖީއަށް އައްޒާމް ވަނީ 2012 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ކުޅެދީފައެވެ. އޭގެ ފަހުން 2015 ވަނަ އަހަރު އައްޒާމް ޓީސީއަށް ބަދަލުވިއިރު، އޭނާ އެންމެ ބޮޑަށް ވިދާލީ އެ ކުލަބުންނެވެ.
އައްޒާމް ވަނީ ޓީސީއާއެކު 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކުލަބު ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއީ ރާއްޖޭގެ ކުލަބަކުން ބައިނަލްއަގުވާމީ މައިދާނުގައި ހޯދި ފުރަތަމަ ކާމިޔާބީއެވެ. އޭގެ އައްޒާމް ވަނީ ޓީސީއާއެކު 2018 ވަނަ އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއީ ޓީސީގެ ތާރީޚުގައި އެ ޓީމުން ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައި ޓީސީން ވާދަކުރިއިރު، އެ ޓީމުގައިވެސް އައްޒާމް ހިމެނުނެވެ.
މީގެކުރިން ވީނިއުސް އަށްދިން އެކްސްކްލޫސިވް އިންޓަވިއު އެއްގައި އައްޒާމް ބުނެފައިވަނީ ކެރިއަރުގައި އެންމެ ފަޚުރުވެރިވާ ކާމިޔާބީ އަކީ ޓީސީ ސްޕޯޓްސް ކުލަބާ އެކު ބަންގާޅުގައި ކުރިއަށް ދިޔަ ޝެއިޙް ކަމާލް ކަޕުގެ ޗެމްޕިއަންކަން ހޯދުން ކަމަށެވެ. އެ މުބާރާތުގެ ފައިނަލުގައި އޭނާ ވަނީ ގޯލެއް ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން އައްޒާމް އެންމެ ފުރަތަމަ ޖާގަ ހޯދާފައިވަނީ 2017 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެކުލަވާލި ސްކޮޑުންނެވެ. އެކަމަކު އެ މެޗުގައި އައްޒާމް ކުޅެފައެއް ނުވެއެވެ. އެކަމަކު އެ އަހަރުގެ އޮކްޓޯބަރު މަހު އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުގައި އައްޒާމް ވަނީ ކުޅެފައެވެ. އެ މެޗުގައި އައްޒާމް ކުޅެން އަރާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ