އެހެން ވަކީލަކު އައްޔަން ކުރުމަށް ފަހު ވެސް މުސްތޮފާ އާއި ވަކީލު ކޯޓަށް ހާޒިރުވެ ވަޑައެއްނުގެންނެވި

އާރްކޭއެލްގެ ފަރާތުން އައިލެންޑާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކުރާ ދައުވާގައި އެ ކުންފުނީގެ ހިއްސާދާރު އަދި ރައްޔިތުންގެ މަޖިލީހުގެ ތ. ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުން އޭނާގެ ފަރާތުން އެހެން ގާނޫނީ ވަކީލަކު އައްޔަންކުރެއްވުމަށް ފަހު ވެސް މުސްތޮފާ އާއި ވަކީލު ޝަރީއަތަށް ވަޑައެއް ނުގެންނެވި ކަމަށް މަދަނީ ކޯޓުން ވިދާޅުވެއްޖެ އެވެ.
މުސްތޮފާގެ އައިލެންޑް ޓްރާންސްޕޯޓުން ކުއްޔަށް ގެންދިޔަ އެކްސްކަވޭޓަރެއްގެ މައްސަލައިގައި 326،910ރ. ހޯދުމަށް ކުރާ ދައުގެ ޝަރީއަތް ބުރާސްފަތި ދުވަހު 00: 11 އަށް ތާވަލުކޮށް ޗިޓު ފޮނުވާފައިވަނިކޮށް މުސްތޮފާ އާއި އޭނާގެ ވަކީލު ވެސް ހާޒިރުވެ ވަޑައިނުގަތުމުން ވަނީ ޣައިރު ހާޒިރުގައި ބުރާސްފަތި ދުވަހު ވަނީ ޝަރީއަތުގެ މަޖިލީހެއް ބާއްވަވައިފަ އެވެ.
އެ މަޖިލީހުގައި ގާޒީ މުހައްމަދު ނައީމު ވިދާޅުވީ މުސްތޮފާގެ ފަރާތުން ވެސް އަދި މުސްތޮފާ އަލަށް އައްޔަން ކުރެއްވި ގާނޫނީ ވަކީލުގެ ފަރާތުން ވެސް ޝަރީއަތަށް މަގުފަހިވާނެ ގޮތަށް އެއްބާރުލުން ދެއްވާފައި ނުވާ ކަމަށެވެ. ބުރާސްފަތި ދުވަހު ކޯޓަށް ވަޑައި ނުގަތުމުން އެ ދެ ބޭފުޅުން ޖޫރިމަނާ ކުރައްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
"ކުރިން ވެސް ހާޒިރު ކުރެއްވީ ބަންދުގައި ބަހައްޓައިގެން. އަނެއްކާވެސް އެ ހާޒިރު ވެޑައިނުގަތީ. ދެން ބަންދުގައި ބަހައްޓައިގެން ހާޒިރުކުރާނީ އަދި ވެސް ޗިޓު ފޮނުވުމަށްފަހު ހާޒިރު ނުވެއްޖެނަމަ. އެހެންނަމަވެސް އެ ދެފަރާތް ވެސް ޖޫރިމަނާ ކުރާނަން،" ގާޒީ ވިދާޅުވި އެވެ. "ކޯޓުން ގުޅުމުން ވިދާޅުވީ ހަނދާން ނެތުނީ ކަމަށް. އެއީއަކީ ގަބޫލު ކުރެވޭނެ ގޮތެއް ނޫން."
ގާޒީ އަދި ވިދާޅުވީ މި މައްސަލައިގައި އައިލެންޑް ޓްރާންސްޕޯޓުން އެއްބާރުލުން ނުދީ މައްސަލައިގައި ހައްލެއް ނުފެނި ދިގުލައިގެންދާތީ އެހެން ގޮތަކަށް މި މައްސަލައިގައި ވިސްނަން ޖެހިފައިވާ ކަމަށެވެ. އޭގެ ތަފުސީލެއް ގާޒީ ނުދެއްވަ އެވެ.
މީގެ ކުރިން މި މައްސަލައިގައި ބަންދުގައި ބަހައްޓައިގެން މުސްތޮފާ ހާޒިރުކުރި ދުވަހު ޝަރީއަތުން ބޭރުގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމުގެ ފުރުސަތު ނުދޭ ކަމަށް މުސްތޮފާ ވިދާޅުވެފައިވާތީ އެ ފުރުސަތު އޮތް ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ. އޭގެ ފަހުން ފާއިތުވީ މުއްދަތުގައި އެ ފުރުސަތުގެ ބޭނުން ކޮށްފައިވޭތޯ ދައުވާކުރާ އާރްކޭއެލްއާ ސުވާލު ކުރުމުން އެ ފަރާތުން ބުނީ އެކަމަށް އެދިގެން މުސްތޮފާ ވަޑައިނުގަންނަވާ ކަމަށެވެ.
ބަންދުގައި ބަހައްޓައިގެން މުސްތޮފާ ހާޒިރުކުރި ދުވަހު ކޯޓުގައި ވިދާޅުވެފައި ވަނީ ކުންފުނީގެ ވަކީލު ފަރުވާ ކުޑަ ކަމަށް ކޯޓުން ބުނާތީ އެހެން ވަކީލަކު ހަމަޖައްސަވާނެ ކަމަށެވެ. ބުރާސްފަތި ދުވަހު ވަޑައިނުގެންނެވީ އާ ވަކީލަކަށް ގާނޫނީ ވަކީލު އަބްދުﷲ މުހައްމަދު އައްޔަން ކުރެއްވުމަށް ފަހު އެވެ.
މުސްތަފާ ކުރިން ކޯޓުގައި ވިދާޅުވެފައި ވަނީ ފައިސާ ހޯދުމަށް އާރްކޭއެލް އިން ދައުވާ ކުރަނީ މީގެ ހަތަރު އަހަރު ކުރިން ހިނގާފައިވާ ކަމަކާ މެދު ކަމަށެވެ. އެކްސްކަވޭޓަރު ކުއްޔަށް ގެންދިޔަ ފަހުން އޭގެ އެއްވެސް ބޭނުމެއް ނުހިފި 30 ދުވަހު ފާއިތުވި ކަމަށާއި އެކްސްކަވޭޓަރުގެ ބޭނުން ހިފުނީ އެންމެ 20 ދުވަހު ކަމަށެވެ. އެ ދުވަސްތަކަށްވާ 120،000ރ. އާރްކޭއެލް އަށް ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ