ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރި މައްސަލައެއްގެ ތެރެއަށް ނުވަންނާނަން: އޭޖީ

ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެއްވެސް މައްސަލައެއްގެ ތެރެއަށް ވަދެވަޑައިނުގަންނަވާނެ ކަމަށް އެޓާނީ ޖެނެރަލް އައިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ.
އާޒިމާ ވިދާޅުވީ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ނަމަވެސް މިހާރު އޭނާއަކީ "ދައުލަތުގެ ބަންޑާރަ ނައިބު ކަމަށްވުމުން މަސްލަހަތު ފުށުއަރާ އެއްވެސް މައްސަލައެއް ކުރިއަށް ގެންދިއުމުގެ އެއްވެސް ކަމަކާ ބެހިވަޑައިނުގަންނަވާނެ" ކަމަށެވެ. އޭޖީ އަކަށް ވެވަޑައިގެންނެވުމުގެ ކުރިން ޕީޕީއެމުން ވަކިވެވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އޮންނާނީ މަސްލަހަތު ފުށުއަރާނެ ކަންކަމާ ނުބެހޭނެ ވާހަކަ ބުނެފައި. އެކަންކަން ކުރިއަށް ގެންދަވާނީ ސޮލިސިޓަ ޖެނެރަލާއި އޭނާގެ ޑެޕިއުޓީން. އަޅުގަނޑާ ހަމައަށް އެފަދަ މައްސަލަތަކެއް ނާންނާނެ،" އާޒިމާ ވިދާޅުވި އެވެ.
އޭޖީއަކަށް ވަޑައިގެންނެވިއިރު އާޒިމާ ވަކާލާތު ކުރައްވަމުން ގެންދެވި މައްސަލަތަކުގެ ތެރޭގައި ކުރީގެ ސަރުކާރުން ރިސޯޓްތަކުގެ ސްޕާތައް ބަންދުކުރަން އެންގި މައްސަލަ އާއި ޓޫރިޒަމް އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ދައުވާކުރާ އެކި މައްސަލަތައް ހިމެނެއެވެ.
އެޓާނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ ސޮލިސިޓަ ޖެނެރަލް އަހްމަދު ހުޝާމް ވިދާޅުވީ އާޒިމާގެ މަސްލަހަތު އޮތް މައްސަލަތަކުގައި އޭނާ އާ މަޝްވަރާ ނުކުރެއްވުމަށް ފުރަތަމަ ދުވަހު ވެސް އެދިވަޑައިގަތް ކަމަށެވެ. އަދި އެފަދަ އެއްވެސް މައްސަލައެއްގެ ތެރެއަށް ވަދެވަޑައިގެންފައި ވެސް ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ