ސާކް ސަމިޓް ތައްޔާރީތައް: ދަރުބާރުގެ އަޅާ ބިން ސާފުކުރަން ހަވާލުކޮށްފި

މި އަހަރުގެ ސާކް ސަމިޓް އައްޑު އަތޮޅުގައި ބޭއްވުމަށް ހިތަދޫގައި އިމާރާތް ކުރާ ކޮންވެންޝަން ސެންޓަރު ނުވަތަ ދަރުބާރުގެ އަޅާ ބިން ސާފު ކުރުމުގެ މަސައްކަތް ސަރުކާރުން ސަދަން ޔުޓިލިޓީސް އާ ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނީގެ ޗެއާމަން އަހުމަދު ޒަރީޒު މިއަދު ވިދާޅުވީ ސާކް ސަމިޓް ބާއްވަން އިމާރާތްކުރާ ކޮންވެންޝަން ސެންޓަރު އަޅާ ބިން ސާފު ކުރުމުގެ މަސައްކަތް ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރުމާ ގުޅިގެން، އެ ބިން ސާފުކުރުމުގެ މަސައްކަތް ވަރަށް ބާރު ސްފީޑެއްގައި މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
ޒަރީޒު ވިދާޅުވީ 88،000 އަކަފޫޓުގެ އެ ބިން ސާފުކުރުމުގެ މަސައްކަތް ތިރީހަކަށް ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށެވެ.
"މަސައްކަތްތައް މިހާރު ވެސް ވަރަށް ބާރަށް ކުރިއަށް އެބަ ދޭ. އަދި ބޭނުންވާ އިތުރު މެޝިނަރީތަކާ އެއްޗެހި ވެސް މިކޮޅަށް ވަރަށް އަވަހަށް އަންނާނެ،" އޭނާ ވިދާޅުވި އެވެ. "އެ ބިން ސާފުކުރުމުގެ މަސައްކަތް އަޅުގަނޑުމެން 30 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލާނަން. އޭރުން ބިން އޮންނާނީ އިމާރާތް ކުރަން ހަމަ ރެޑީވެފައި."
ނޮވެންބަރު ،11 2011 ގައި ސާކް ސަމިޓް އައްޑު އާއި ފުވައްމުލަކުގައި ބޭއްވުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައްވުމަށް ސަރުކާރުގެ މި އަހަރުގެ ބަޖެޓުގައި 231 މިލިއަން ރުފިޔާ ހިމަނައިފައިވެ އެވެ.
މި އިމާރާތުގެ ބިންގާ ޖެނުއަރީ ،4 2011 ވަނަ ދުވަހު ރައީސް ނަޝީދު އަޅުއްވައި ދެއްވައިފައިވާ އިރު، މި ޕްރޮޖެކްޓުގެ މަސައްކަތް ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެ އެވެ.
ރައީސް ވިދާޅުވެފައި ވަނީ ހިތަދޫގައި އިމާރާތް ކުރާ ކޮންވެންޝަން ސެންޓަރު ބިނާ ކުރެވުމުން ދެކުނު އޭޝިއާގައި އެއަށް ވުރެ ވަކި ފުރިހަމަ ތަނެއް ނުހުންނާނެ ކަމަށާއި އެކަމުގެ ފަހުރު މުޅި ރާއްޖެ އަށް ވެސް ލިބިގެން ދާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ސާކް ސަމިޓް ނިމުމަށްފަހު ވެސް ކޮންފަރެންސާއި ކޮންވެންޝަންތައް ބާއްވާ ސެންޓަރެއްގެ ގޮތުގައި އެތަން ތަރައްގީކޮށް ދެމެހެއްޓުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮންވެންޝަން ސެންޓަރު އިމާރާތްކުރާ ބިން ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދާ އިރު، އެތަން އިމާރާތް ކުރާނެ ބަޔަކު ހޯދުމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މި މަހުގެ 10 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ. އަދި އެ ބިމުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދައި ދޭނެ ބަޔަކު ހޯދުމަށް ވެސް ދެ ފަހަރެއްގެ މަތިން ޑިފެންސް މިނިސްޓްރީން އިއުލާންކޮށްފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ