ވޭސްޓް މެނޭޖްމަންޓުން ގެނެސްފައިވާ އަގުބޮޑު ބާ ކޮޅުވެއްޓީގެ ތަހުގީގު ފަށައިފި

ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ގެނެސްފައިވާ 8.6 މިލިއަން ރުފިޔާގެ ބާ ކޮޅުވެއްޓީގެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރަން ފަށައިފި އެވެ.
އެ ކޮމިޝަނުގެ ރައީސް އަލީ ރަޝީދު އުމަރު މިއަދު ވިދާޅުވި ގޮތުގައި ސިންގަޕޫރުގެ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ކޮށްފައިވާ އެގްރީމެންޓާ ހިލާފަށް ގެނެސްފައިވާ ކޮޅުވެއްޓިއާ ބެހޭ ލިޔެކިޔުންތައް މިހާރު ވަނީ ހޯދައިފަ އެވެ. އެ ލިޔެކިޔުންތައް ތަހުގީގު ކުރުމަށް ފަހު، އެ މައްސަލައިގައި ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކުރުމަށް އެ ކޮމިޝަނުން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މައްސަލަ ނިންމައި ވީހާ ވެސް އަވަހަކަށް ޕޮރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭތޯ މި ބަލަނީ. އެހެން ނަމަވެސް މައްސަލައިގެ ބާވަތުން އެ ކޮޅުވެއްޓި އަކީ ސިންގަޕޫރުގެ ކުންފުންޏާ ވެސް ގުޅޭ މައްސަލައެއް ވީމަ އެތަނުގެ ކަމާ ބެހޭ ފަރާތްތަކުން ވެސް އޮޅުންފިލުވަން މުއްދަތު ނަގާފާނެ،" ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.
އެ ކޮޅުވެއްޓި އަކީ ވޭސްޓު މެނޭޖްމެންޓް ސެކްޝަނުން ބޭނުންވާ ގޮތަށް ބައެއް ބަދަލުތައް ގެނެސްގެން އިންޑޮނޭޝިއާގައި މުޅިން އަލަށް ބަނދެފައިވާ ކަމަށް އެއްޗެއް ކަމަށް ބުނެފައިވީ ނަމަވެސް އެ އުޅަނދު އޮތް ހާލަތަށް ބަލައި އެއީ އާ އެއްޗެއް ނޫން ކަމަށް ފާހަގަކުރެވިފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި އިތުރަށް މަރާމާތުކޮށްގެން ނޫނީ އޭތި ބޭނުން ނުކުރެވޭނެ ކަމަށާއި އެހެންކަމުން އެ ކޮޅުވެއްޓިއާ ހަވާލު ނުވުމަށް އެ ކޮމިޝަނުން ވޭސްޓްމެނޭޖްމަންޓް ސެކްޝަނަށް ވަނީ އަންގައިފަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ އެ ކޮޅުވެއްޓިއާ ބެހޭ ގޮތުން ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރަމުންގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ ކޮޅުވެއްޓީގެ ސީއައިއެފް އަގަކީ 565،000 ޑޮލަރު ކަމަށް އެގްރީމެންޓުގައި ބަޔާންކޮށްފައި ވެ އެވެ. އެހެން އެ ކޮޅުވެއްޓި އަށް އިތުރަށް ގެނައި ބަދަލާއި އިންޝުއަރެންސްގެ އަގުގެ ގޮތުގައި 105،000 ޑޮލަރު (ޖުމްލަ 8.6 މިލިއަން ރުފިޔާ) ފަހުން އިތުރުކޮށްފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ބުނެފައި ވެ އެވެ. މީގެ ތެރެއިން 75 ޕަސެންޓަށްވާ 78،750 ޑޮލަރު އައިލެންޑް ލޮޖިސްޓިކަށް ދެއްކުމަށް މިސްޓަ ޗިން ވެކް ޗޮން ކިޔާ މީހެއްގެ އެކައުންޓަށް މިދިޔަ މޭ މަހުގެ 27 ގައި ޓްރާންސްފާކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ