މުސާރަ އާއި ސިޔާސަތުގެ ބިލް ދިރާސާކުރަނީ

ދައުލަތުގެ މުސާރައާއި ސިޔާސަތުގެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް އިޤްތިޞާދީ ކޮމިޓީން މިއަދު ފަށައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅިފައިވާ މަސައްކަތްތަކުގެ ތެރެއިން ދައުލަތުގެ މުސާރައާއި ސިޔާސަތުގެ ބިލު ދިރާސާކުރުމުގައި ރާއްޖޭގެ ދަރަނިތައް ބޮޑުވަމުން ދާއިރު އިޤްތިސާދުގެ ޙަޤީގަތައް ވިސްނައި ދައުލަތުގެ ބަޖެޓަށް ދަތިނުވާ ގޮތަށް އަދި ދިވެހި ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމުގައި ޕްރޮފެޝަނަލް މިންގަޑެއް ކަނޑައެޅުމާއި ގުޅޭގޮތުން މެންބަރުން ވަނީ މަޝްވަރާކޮށްފައެވެ.
މި ބިލުގެ 9 ވަނަ މާއްދާގައި ބުނާ ޕޭ ކޮމިޝަން އެކުލަވާލުމުގައި މަޖިލިސް އިދާރާގެ ފަރާތުން ހުށަހަޅާފައިވާ އިސްލާޙުތަކަށް ބަލައި އެކަމާމެދު މަޝްވަރާކުރުމަށްފަހު ކޮމެޓީން ނިންމީ ކުރިއަށް އޮތް ބައްދަލުވުމުގައި މި ގަވާއިދު އިތުރަށް ދިރާސާކުރުމަށެވެ.
މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައި ވަނީ ކޮމިޓީގެ މުޤައްރިރު ކިނިބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރާއި ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޙަމީދު އަދި ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުﷲ ޤަފޫރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ