ގޭންގުތަކަށް ހަރަދުކުރާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނޫން - ޔާމީން

މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކަށް ހަރަދަކުރާ ވާހަކައަކީ އެއްވެސް ހަގީގަތެއް އޮވެގެން ދައްކާ ވާހަކަތަކެއް ނޫން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމުން ރިޔާސީ ކެންޑިޑޭޓުންނާ އެކު ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރެއިން "އަބްދުﷲ ޔާމީނާއިއެކު ދިވެހިރާއްޖޭގެ އަޑު" މި ނަމުގައި މިރޭ ގެނެސްދިން ޕްރޮގްރާމްގައި އެހުންތެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޔާމީން ވިދާޅުވީ މާލޭގައި ހަރަކާތްތެރިވާ ގޭންގްތަކަށް ފައިސާ ހަރަދުކުރާ ކަމަށް ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
އަދި އެކަމުން އެފެންނަނީ ސިޔާސީ ފަރާތްތަކުގެ އިހްސާންތެރިކަން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ތީގައި އެއްވެސް ހަގީގަތެއް ނެތް އެނގޭތޯ، މިއީ ސިޔާސީ ބޭފުޅުންގެ ތެރޭގައި އިހްސާންތެރިކަން ތިކަމުން ތި ފެންނަނީ." ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމް ސަރުކާރަކީ ޒުވާނުންނަށްޓަކައި ހިންގައިދޭ ސަރުކާރަކަށް ހެދުން ވަރަށް ބޮޑު އަމާޒެއް ކަމަށާއި ޒުވާނުންނަށްޓަކައި ހިންގައިދޭ ސަރުކާރަކަށް ހަދާއިރު އެ ޕްރޮގްރާމްގެ ބޮޑު ބަޔަކީ މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުން ކަމަށެވެ. އަދި މަސްތުވާތަކެތީގެ ޝިކާރައަށް ޒުވާނުން އަޔަ ނުދިއުމަކީ ވެސް އަމާޒެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމްގެ ސަރުކާރެއްގައި ބަޖެޓު ބޮޑު ބައެއް ހޭދަވެގެންދާނީ މަސްތުވާތަކެތީގައި މިހާރު ގެނބެމުންދާ ޒުވާނުން އަނބުރާ ރިހަބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމަށް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެކަށީގެންވާ ވަރުގަދަ ޕްރޮގްރާމެއް ހިންގަން އަޅުގަނޑުމެން އޭގެ ތެރޭގައި ހިޔާލުކުރަން، އަޅުގަނޑު ހަދާންވާ ގޮތުންވެއްޖެއްޔާ އޭރު ހަދާފައި އޮތް ހިސާބަށް ބަލާކަމުގައިވަންޏާ ކޮންމެ އަހަރެއްގެ ތެރޭގައި 900 ވަރަކަށް އާ ޒުވާނުންނަށް ފަރުވާ ދިނުމުގެ ޕްރޮގްރާމެއް ހިންގަން އަޅުގަނޑުމެން ހިޔާލުކޮށްފައި އޮތީ." ޔާމީން ވިދާޅުވި އެވެ.
ޔާމީނަށް ވެރިކަން ލިބިވަޑައިގެންފިނަމަ އިސްލާމީ ޝަރީއަތް ތަންފީޒުކުރައްވާނަންތޯ އެހުންތެރިޔަކު ސުވާލުކުރުމުން ޔާމީން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ގާނޫނު އަސާސީގައި އޭގެ މަސްދަރަކީ އިސްލާމީ ޝަރީއަތް ކަމަށާއި ޕީޕީއެމް ސަރުކާރެއްގައި ވެސް ހުރިހާ ދީނީ ދަންނަބޭކަލުން އެއްބަސްވާ ގޮތަށް ރާއްޖޭގެ ކަންތައް ހިނގާނެ ކަމަށެވެ.
މަރަށް މަރު ހިފުމާއި ބެހޭގޮތުން ޔާމީން ވިދާޅުވީ ކުރިން އޭނާއަކީ މަރަށް މަރުގައި އެހާ ބޮޑަށް ވަކާލާތުކުރައްވަމުން ގެންދަވާ ބޭފުޅަކަށް ނުވި ނަމަވެސް ޝަރުއީ އުސޫލުތަކުން ގަބޫލުކުރެވޭ މިންވަރަކުން ސާބިތުވެ ހުރިހާ މަރުހަލާތަކެއް ނިމިއްޖެ ކަމުގައިވަނީނަމަ ދިވެހިން ގަތުލުކުރާ ކުރުމުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި މަރަށް މަރު ހިފުމަކީ ރާއްޖޭގައި ކުރަންވެއްޖެ ކަމެއް ކަމަށް މިހާރު ގަބޫލުކުރައްވާ ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބެ އިލްޔާސް އިބްރާހިމް ޕީޕީއެމުން ވަކިވެފައިވާތީ އެކަމާއި ބެހޭގޮތުން ޔާމީނާއި ސުވާލުކުރުމުން އޭނާ ވިދާޅުވީ އިލްޔާސްއަކީ ވަރަށް އިހްތިރާމްކުރައްވާ ބޭފުޅެއް ކަމަށާއި މިހާރު ވެސް އިލްޔާސް އާއި ގާތް ގުޅުމެއް އޮންނަ ކަމަށެވެ.
ނަމަވެސް ޕާޓީގެ އެއްވެސް ކަމަކާ އިލްޔާސް ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާ ކަމުގެ އެއްވެސް ވާހަކައެއް ޕާޓީއާ ހިސާބަށް އައިސްފައި ނުވާ ކަމަށާއި ޕީޕީއެމްއިން އިލްޔާސް ވަކިވި ހަބަރު އެއްސެވީ ހައިރާންކަމާއިއެކީގައި ކަމަށް ވެސް ޔާމީން މިރޭ ވިދާޅުވި އެވެ.
"އިލްޔާސްއަކީ އަޅުގަނޑުމެންނަށް ހިދުމަތް ކުރެއްވި ބޭފުޅެއް، ދެން އަޅުގަނޑުމެންގެ އިހްތިރާމްވެސް އޮތް ބޭފުޅެއް، އެހެންވީމަ ވަރަށް ދެރަވޭ އިލްޔާސް އަޅުގަނޑުމެންގެ ޕާޓީން ވަކިވެވަޑައިގަތީމަ، ނަމަވެސް މިކަހަލަ ކަންކަމުގައި ސިޔާސީ ކޮންމެ ބޭފުޅެއްގެ ނިންމެވުމަކީ އެބޭފުޅެއްގެ އަމިއްލަ ކަމެއް." ޔާމީން ވިދާޅުވި އެވެ.
އިލްޔާސް ޕީޕީއެމުން ވަކިވެވަޑައިގަތީ ޕީޕީއެމްއިން ސަރުކާރަކަށް ޖެއްސުންކޮށް ހެދުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވުމަށްފަހު އެވެ.
ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ޝަރީފް އަދި ޖައުފަރު އީސާ (ޖައުސާ ޖައުފަރު) ޕީޕީއެމް އިން ވަކިވެ ވަޑައިގަތުމާއި ގުޅޭގޮތުން ޔާމީން ވިދާޅުވީ އެދެބޭފުޅުންވެސް ޕީޕީއެމް އިން ވަކިވެ ވަޑައިގަތީ ޕާޓީ ތެރޭގެ ހިތްހަމަނުޖެހުންތަކާ މެދު އެއްވެސް ވަރަކަށް މަޝްވަރާކުރެއްވުމެއް ނެތި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ