ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ގޮތަކަށް އެސްޓީއޯއިން އެއްވެސް ފައިސާއެއް ދީފައިވާ ކަމުގެ ހެއްކެއް ނޯންނާނެ: ޔާމީން

14:30ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ގޮތަކަށް އެސްޓީއޯއިން އެއްވެސް ފައިސާއެއް ދީފައިވާ ކަމުގެ އެއްވެސް ހެއްކެއް ރިޔާސީ ކޮމިޝަނަށް އަދި އެއަށްވުރެ ވެސް މަތީ ފަރާތަކަށް ވެސް ދެއްކެން ނޯންނާނެ ކަމަށް އެސްޓީއޯގެ ކުރީގެ ޗެއާމަން އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.ރިޔާސީ ކޮމިޝަނުން މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ސަންއެފްއެމަށް މައުލޫމާތު ދެއްވަމުން ޔާމީން މިއަދު ވިދާޅުވީ އެސްޓީއޯ އިން 16.7 މިލިއަން ރުފިޔާ އެމަނިކުފާނާ ވިޔަފާރީގެ ގޮތުން ގުޅުމެއް އޮންނަ މީހަކަށް ދީފައިވާ ކަމަށް އެބުނާ ވާހަކައަކީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކައެއް ކަމަށެވެ. އަމިއްލަ ފަރާތަކަށް އެސްޓީއޯ އިން ދީފައިވާ ލޯނެއް ކަމަށް ރިޔާސީ ކޮމިޝަނުން އެބުނާ ފައިސާއަކީ ޔޮޓް ޓުވާސްގެ ޗެއާމަން އަބްދުﷲ ޖާބިރަށް އެސްޓީއޯ އިން ޑޮލަރު ގަންނަން ދީފައިވާ ރުފިޔާ ކަމަށާއި އެސްޓީއޯގެ ޗެއާމަނަކަށް އޭރު އޭނާ ހުންނަވައިގެން އެފައިސާ ދީފައިވީ ނަމަވެސް އެހުރިހާ ކަމެއް ކުރާނީ ބޯޑުން ފާސްކުރުރުމަށް ފަހު ނަގަންޖެހޭ ހުއްދައެއް ނަގައިގެން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.ޖާބިރަކީ އޭނާއާ ވިޔަފާރީގެ ގޮތުން ގުޅެމެއް އޮތް ބޭފުޅެއް ނޫން ކަމަށާއި އެއީ ޑޮލަރުން އާމްދަނީ ލިބޭ މީހުންގެ ތެރެއިން ޑޮލަރު މާރުކުރުމަށް ބޭނުންވާ މީހުންނަށް ދޫކުރާ ފައިސާ ކަމަށާއި އެގޮތުން ފައިސާ ދީފައިވާ 87 މީހެއް ހިމެނޭއިރު އެމީހުންގެ ތެރޭގައި ޖާބިރު ވެސް ހިމެނިފައިވާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. އަދި އެސްޓީއޯ އިން އެގޮތަށް ޑޮލަރު މާރުކުރަނީ ކަނޑައެޅިފައިވާ ގާވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.ޔާމީން ވިދާޅުވީ އެފައިސާއަކީ ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ގޮތަކަށް ދޫކޮށްފައިވާ ފައިސާއެއް ކަމަށް ރިޔާސީ ކޮމިޝަނުން ބުނި ނަމަވެސް އެކަންތައް ސާބިތުކޮށްދެވެން ނޯންނާނެ ކަމަށެވެ. އަދި އެ ކޮމިޝަނަކީ ސިޔާސީ މީހުން ފަހާ ދުވަން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ސިޔާސީ ކޮމިޝަނެއް ކަމަށާއި އެކޮމިޝަންގެ ބޭނުމަކީ މީހުން ބިރުގެންނެވުން ކަމުގައި ވިޔަސްވެސް އެއްވެސް ވަރަށް ޖެހިލުންވެ ވަޑައިނުގެންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.16.7 މިލިއަން ރުފިޔާ 2001 ގައި އެސްޓީއޯ އިން ދޫކޮށްފައިވާ މައްސަލައެއްގައި ކޮރަޕްޝަނަށް މަގުފަހިވެފައިވާ ކަމަށް ތުހުމަތުކޮށް، އެސްޓީއޯގެ އޭރުގެ ޗެއާމަން ޔާމީން އަބްދުލްގައްޔޫމާއި އެމްޑީ މުހައްމަދު މަނިކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ރިޔާސީ ކޮމިޝަނުން އެމައްސަލަ މިދިޔަ ހަފްތާގައި ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ