އިންކުއަރީ ކޮމިޝަންގެ ކޯ-ޗެއާމަނަކަށް ސިންގަޕޫރުގެ ފަނޑިޔާރެއް

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށްޓަކައި ރައީސް މުހަންމަދު ވަހީދު އުފައްދަވާފައިވާ ނެޝެނަލް އިންކުއަރީ ކޮމިޝަންގެ ކޯ-ޗެއާމަނަކަށް ސިންގަޕޫރުގެ ފަނޑިޔާރެއް ހަމެޖެއްސުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އާޒިމާ ވިދާޅުވީ ކޮމަންވެލްތުގެ މަންދޫބު ޑޮން މެކިނަންއާ އެކު މަޝްވަރާކޮށް، ކޮމިޝަނަށް ގެންނަން އެއްބަސްވެފައިވާ ބަދަލުތަކުގެ ތެރޭގައި ކޮމިޝަންގެ ރިޔާސަތު މިހާރު ބަލަހައްޓަވާ އިސްމާއީލް ޝަފީއުއާއެކު ރިޔާސަތު ބެލެހެއްޓެވުމަށް ސިންގަޕޫރުގެ ފަނޑިޔާރަކު އައްޔަންކުރުމުގެ އިތުރުން ކޮމިޝަންގެ މެމްބަރަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ބޭފުޅަކު ހިމެނުމަށް ވެސް އެއްބަސްވެފައިވާ ކަމަށެވެ.
އިންކުއަރީ ކޮމިޝަންގެ ކޯ-ޗެއާއަކަށް އަހްމަދު މުޖުތަބާ ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ކުރިން ވިދާޅުވި އެވެ. ނަމަވެސް ހަވީރަށް އެނގިފައިވާ ގޮތުގައި ސަރުކާރުން މަޝްވަރާކޮށްފައި ވަނީ، އިސްމާއީލް ޝަފީއު ރަށުގައި ނޫޅުއްވާ ދުވަސްވަރުގައި މުޖުތަބާ ނުވަތަ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހިފައިނުވާ އެހެން ބޭފުޅަކު ކޮމިޝަންގައި ހިމެނުމަށެވެ. ނަމަވެސް އެކަން ވަކިގޮތަކަށް ނުނިންމާ ކަމަށް ވެސް ވަނީ އެނގިފަ އެވެ.
އާޒިމާ ވިދާޅުވީ ނަޝީދުގެ ފަރާތުން ކޮމިޝަނަށް އައްޔަންކުރުމަށް މިހާތަނަށް ފޮނުވާފައިވާ ނަންތަކަކީ ސަރުކާރަށް ގަބޫލުކުރެވޭ ނަންތަކެއް ނޫން ކަމަށެވެ.
ނަޝީދުގެ ފަރާތުން ނުވަ ބޭފުޅެއް ހުށަހެޅުއްވި ކަމަށާއި އެ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިއާ އަހްމަދު ދީދީ އާއި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފާއި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ބޯޑުގެ ކުރީގެ މެމްބަރު އިބްރާހިމް ސަލީމް ހިމެނިވަޑައިގަންނަވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.
ނަޝީދުގެ ފަރާތުން ކޮމިޝަންގައި ހިމަނާ ބޭފުޅަކީ ވޭތުވެދިޔަ ދެ އަހަރު ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެފައިވާ ބޭފުޅަކަށް ވެގެން ނުވާނެ ކަމަށާއި ވެރިކަން ބަދަލުވި ގޮތާބެހޭ ގޮތުން ވަކި ކޮޅެއް ނަންގަވާފައިވާ ބޭފުޅަކަށް ވެގެން ނުވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އަދި އެބޭފުޅަކީ ތައުލީމީ އަދި ވަކި އަތަކަށް ޖެހިފައިނުވާ ކަމަށް މުޖުތަމައު ގަބޫލުކުރާ މީހަކަށް ވާންވާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.
ނަޝީދުގެ ފަރާތުން މިހާތަނަށް ފޮނުއްވި ނަންތަކަކީ ސަރުކާރަށް ގަބޫލުކުރެވޭ ނަންތަކަކަށް ނުވުމުން، ބޭފުޅަކު ހަމަޖެއްސެވުމަށް ނަޝީދަށް ދެ ހަފުތާގެ މުއްދަތު ދީފައިވާ ކަމަށް އާޒިމާ ވިދާޅުވި އެވެ. އެ މުއްދަތުގެ ތެރޭގައި ނަމެއް ނުފޮނުވައިފި ނަމަ، އެ ޖާގަ އަށް ސަރުކާރުން ވަކީލަކު އައްޔަންކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ މި ބަދަލުތައް ގެނައުމަށް ސަރުކާރުން އެއްބަސްވީ ކޮމަންވެލްތުން ހުށަހަޅާފައިވާ ގޮތަށް އިންކުއަރީ ކޮމިޝަނަކީ ވަކި ފަރާތަކަށް ނުޖެހޭ، މީހުން ބަލައިގަންނަ ކޮމިޝަނަކަށް ހެދުމަށް ކަމަށެވެ.
އާޒިމާ އިތުރަށް ވިދާޅުވީ ކޮމިޝަނަށް ގެނައި ބަދަލުތަކާ އެކު ކޮމިޝަންގެ މަސައްކަތް ނިންމުމުގެ މުއްދަތު ޖުލައި 30 ގެ ނިޔަލަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. މިހާރު ކޮމިޝަންގެ މަސައްކަތް ނިންމުމަށް ކަނޑައާޅަފައިވަނީ މިމަހުގެ ނިޔަލަށެވެ.
މިއަދުގެ ނިއުސް ކޮންފަރެންސްގައި ހޯމް މިނިސްޓަރު މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ އިންކުއަރީ ކޮމިޝަނަށް ބަދަލުތައް ގެނައުމަށް ސީމެގުން ގޮވާލުމަކީ "ވަކި ބަޔަކު ރުއްސުމަށް ހިތްހަމަ ޖެއްސުމަށް ކުރި ކަމެއް ކަމަށް ގަބޫލުނުކުރެވޭ" ކަމަށެވެ. އަދި ސަރުކާރުން ކޮމިޝަނަށް ގެނައި ބަދަލުތައް ސީމެގުން ބަލައިގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ނިއުސް ކޮންފަރެންސްގައި ޖެންޑާ މިނިސްޓަރު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވީ ސީމެގުން ރާއްޖެއާ މެދު އަމަލުކޮށްފައިވަނީ އެ ގްރޫޕްގެ މެންޑޭޓާ ހިލާފަށް ކަމަށެވެ. އަދި އެކަމުގެ ޝަކުވާ ކޮމަންވެލްތަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިޔާނާ ވިދާޅުވީ ކޮމަންވެލްތުގެ ކޯ-ޗެއާއަކަށް ސިންގަޕޫރުގެ ފަނޑިޔާރަކު އައްޔަންކުރަން ނިންމެވީ ސިންގަޕޫރަކީ ދުނިޔޭގައި ކޮރަޕްޝަންގެ އިންޑެކްޝަން އެންމެ ރަނގަޅު ގައުމަށް ވުމާއި "އެއްވެސް ސިޔާސީ ނުފޫޒެއް ނުފޯރާ މީހަކު އައްޔަންކުރުމަށް" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ