ކޮވިޑް-19: ފަރުވާކުޑަ ކުރެވިއްޖެނަމަ، ދެން ލިބޭ ގެއްލުން ބޮޑުވެދާނެ

މި ބްލޮގްގައި ޙިއްސާކުރަމުން ދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ މަޢުލޫމާތާއި ޚަބަރުތަކެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެއަށް ކުރިމަތިވިތާވެސް ގިނަ ދުވަސްތަކެއް ވެގެން ގޮސްފައިވާއިރު، ބަލި ޖެހިފައިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ކޮންމެ ދުވަހަކު ބައްޔަށް ފައްސިވާ މީހުންގެ އަދަދު ވަނީ ކޮންމެވެސް ވަރަކަށް މަދުވާން ފަށާފައެވެ. މިއާއެކު ރާއްޖެއިން މިހާރު ތައްޔާރުވަނީ އާ އާންމު ހާލަތަކަށް ދިއުމަށެވެ.
އާ އާންމު ހާލަތަކަށް ގޮސް ޤައުމުގެ ހިންގަން ފެށިނަމަވެސް ރާއްޖޭގައި މި ބަލީގެ ނުރައްކާ އެބައޮތެވެ. ޤައުމު ހުއްޓުމަކަށް އައިސް އާންމުންނާއި ޤައުމުގެ އިޤްތިސާދަށް ވަރަށް ބޮޑަށް ހީނަރުކަން އައިސްފައިވާ މި ދަނޑިވަޅުގައި، ބަލީގެ ނުރައްކަލާއި އެކުވެސް އާންމު ހާލަތަކަށް ދިއުމަށް ވަނީ މަޖުބޫރުވެފައެވެ.
ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ރާއްޖެއިން އިއްޔެ ވަނީ އިތުރު 43 މީހަކަށް ބަލި ޖެހިފައެވެ. މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ، 1438 އަށް އަރާފައެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. މި ސަރަޙައްދުން ހަތަރު ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމެއްގެ ގޮތުގައި ވެސް އޮތީ ރާއްޖެ އެވެ.
ރާއްޖެއިން އިއްޔެ ވަނީ ކޮވިޑް-19 ޖެހުނު އިތުރު މީހަކު ނިޔާވެސް ވެފައެވެ. ބަންގްލަދޭޝް އަށް ނިސްބަތްވާ އެމީހާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުނީ، ނިޔާވެފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ހެދި ޓެސްޓުތަކުންނެވެ. މިއީ ރާއްޖެއިން މި ބަލީގައި ނިޔާވިސް ފަސްވަނަ މީހާއެވެ. މިހާތަނަށް ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް ދެ މީހަކާއި ތިން ދިވެއްސެކެވެ.
އިއްޔެ ރާއްޖެއިން އިތުރު 77 މީހަކު ބަލިން ރަނގަޅުވެފައި ވެއެވެ. މިއާއެކު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 232 އަށް އަރާފައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި މި ބަލިން ރަނގަޅުވާ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
މި ބަލިމަޑުކަމުގައި ދުނިޔޭގެ މަޝްރަހަށް ބަލާއިރު، ބައެއް ޤައުމުތަކަށް ބަލީގެ ނުރައްކާ އަދިވެސް ވަރަށް ބޮޑެވެ. އޭގެތެރޭގައި އެމެރިކާ އާއި ބްރެޒިލް އާއި ރަޝިޔާގެ އިތުރުން އަވައްޓެރި އިންޑިއާ ހިމެނެއެވެ. މީގެ އިތުރުން އިއްޔެ ލަންކާއިން ވެސް ވަނީ ރެކޯޑް އަދަދަކަށް މީހުން މި ބައްޔަށް މުޅިން އަލަށް ފައްސިވެފައެވެ.
ބައެއް ޤައުމުތަކަށް ނުރައްކާ ބޮޑުވެފައި ވީނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔެއިން ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ މަދުވާން ފަށާފައެވެ. އަދި ބައްޔަށް ފަރުވާދޭ މީހުންގެ ތެރެއިން ރަނގަޅުވާ މީހުންގެ އަދަދު މިހާރު އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ބައްޔަށް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދުމަށް ކުރާ މަސައްކަތަށް އަދި މާބޮޑު ކުރިއެރުމެއް ނުލިބެއެވެ.
މިހާތަނަށް ދުނިޔެއިން 5.6 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެތެރެއިން 348,965 މީހަކު މަރުވެފައި ވާއިރު، ބަލިން ރަނގަޅުވީ 2.3 މިލިއަން މީހުންނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ދުނިޔެއިން މިވަގުތު މިބައްޔަށް ފަރުވާދެމުން ދަނީ 2,883,608 މިލިއަން މީހުންނަށެވެ. އޭގެތެރެއިން 53,161 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.
ކޮވިޑް-19 އާއި ގުޅޭގޮތުން އިއްޔެ ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިފައިވާ މަޢުލޫމާތާއި ޚަބަރުތައް ތިރީގައިވާ ބްލޮގުން ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ