ޔާމީން ޖަލުގައި ހުންނެވުމަކީ އިންސާފެއް ނޫން ކަމަށް ނަޝީދު ވިދާޅުވި މައްސަލަ ބަލަން ޖޭއެސްސީގައި އެދެފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލުގައި ހުންނެވުމަކީ އިންސާފެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް ޔާމީންގެ މައްސަލާގައި ނަޝީދު ދާދިފަހުން ލިޔުއްވި ނޯޓެއްގައިވަނީ އެމްއެެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ޔާމީން އެކަނި ޖަލުގައި ހުންނެވުން އިންސާފެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ޖޭއެސްސީގެ މެމްބަރު ކަން ވެސް ކުރައްވާ ނަޝީދު އެގޮތަށް ވިދާޅުވެފައިވާތީ އަމިއްލަ މީހަކު ޖޭއެސްސީ އަށް ފޮނުވި ސިޓީގައިވަނީ ނަޝީދު އެގޮތަށް ވިދާޅުވުމަކީ ޖުޑިޝަރީ އާއި ތަހުގީގީ އިދާރާތަކާ މެދު އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް އެ ކޮމިޝަންގެ މެމްބަރަކު ކުރެއްވުމަކީ އެ ކޮމިޝަންގެ މެމްބަރުންގެ ސުލޫކީ މިންގަނޑާ ޚިލާފް ކަމަށްވާތީ ނަޝީދާ މެދު ފިޔަވަޅު އަޅަން މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށާއި ކަމާބެހޭ އިދާރާތަކަށް ފޮނުވައިދޭން އެދޭ ކަމަށް ވެސް ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އަށް އެޑްރެސްކޮށް، ފޮނުވާފަައިވާ އެ ސިޓީގައިވެ އެވެ.
ނަޝީދުގެ މައްސަލަ ބަލައިދޭން ޖޭއެސްސީ އަށް ހުށަހެޅިއިރު، އެމަނިކުފާނަކީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ ކޮމިޝަންގެ މެމްބަރެކެވެ. އެހެންވެ، އެމަނިކުފާނު ޖޭއެސްސީގެ މެމްބަރު ކަމުން މަގާމުން ވަކިވާނީ މަޖިލީހުގެ ރައީސްގެ މަގާމުން އެމަނިކުފާނު ވަކިކޮށްފި ނަމަ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ގޮތުގެ މައުލޫމާތު ސާފުކުރަން އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރަކު ދާދިފަހުން ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެހެންވެ، މަޖިލީހުގެ ދެ ކޮމެޓީއަކުން މިހާރު ދަނީ އެ މައްސަލަ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ