ވެރިކަން ވައްޓައިލީ ހިޔާނާތުގެ ރިޕޯޓް ނެރެން އޮތް ދުވަހު: ރައީސް ނަޝީދު

ހަތެއް ފެބްރުއަރީ 2012 ގައި އޭރުގެ ރައީސް މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓައިލީ، އެސްޓީއޯ ސިންގަޕޫރުން ބޭރުގެ ކުންފުންޏެއް ކަމަށްވާ މޯކޮން ކުންފުންޏާއެކު ކޮށްފައިވާ ކަމަށްބުނާ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ބަަލައި އެކަމުގެ ރިޕޯޓް އެ ދުވަހު ނެރެން އޮއްވައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.
އަށްސަތޭކަ މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ބަލަމުންދިޔަ ކުންފުނިން އެކަމުގެ ރިޕޯޓް ގަތުމަށްފަހު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފޮރުވާފައިވާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިގެން ބަހުސް ކުރިއަށްދާ މައްސަލައާބެހޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، 2008 ގައި އޭރުގެ ސަރުކާރު ބަދަލުވެ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެން، ސަރުކާރުގައި ހިނގާފައިވާ ނާޖާއިޒު އަމަލުތަކާއި ވައްކަމުގެ އަމަލުތައް ބަލައި ތަހުގީގު ކުރުމަށް 2009 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ގްރާންތޯންޓަން އިންޓަނޭޝަނަލް އާ ހަވާލު ކުރި ކަމަށެވެ.
އެ ކުންފުންޏާ މަސައްކަތް ހަވާލު ކުރީ، އެކުންފުނިން ހިންގާ މަސައްކަތުން ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާ ފެނިއްޖެނަމަ އެ ފައިސާގެ 10 ޕަސެންޓްގެ މިންވަރު އެ ކުންފުންޏަށް ދޭގޮތަށް އެއްބަސްވެގެން ކަމަށެވެ. އަދި އެ ތަހުގީގު ހުއްޓާލުމަށް ސަރުކާރުން އެ ކުންފުންޏަށް އަންގައިގެން މަސައްކަތް ހުއްޓާލަން ޖެހިއްޖެ ނަމަ ސަރުކާރުން އެފަރާތަށް 10 މިލިޔަން ދޭން ޖެހޭ ގޮތަށްވެސް އެއްބަސް ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، 7 ފެބްރުއަރީގައި އެމަނިކުފާނުގެ ވެރިކަން ވައްޓާލީ އެދުވަހު އެ ރިޕޯޓު ނެރެން އޮއްވައި ކަމަށެވެ.
އެއަށްފަހު އޭރުގެ ނާއިބު ރައީސް، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވެރިކަމަށް ވަޑައިގެން އެ ތަހުގީގު ހުއްޓައިލުމަށް އެ ކުންފުންޏަށް އެންގެވި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ