ކޯލިޝަނުން ޕީއޭ ވަކިވެގެން އިދިކޮޅު ފަރާތްތަކަށް ލިބޭނެ ގެއްލުމެއް ނޯންނާނެ: ޔާމީން

ޑީއާރްޕީއާއެކު ހަދާފައިވާ ކޯލިޝަނުން ޕީއޭ ވަކިވީ އެމްޑީޕީއަށް ތަރުހީބުދޭން ނޫން ކަމަށާއި ޑީއާރްޕީއާއެކު އޮތް ކޯލިޝަން ރޫޅައިލިއަސް އިދިކޮޅު ފަރާތްތަކަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށް ޕީއޭގެ ލީޑަރު އަބުދުﷲ ޔާމީން ވިދާޅުވެ، ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީނަށް ރައްދު ދެއްވައިފި އެވެ.
ކޯލިޝަން ރޫޅައިލުމުން އިދިކޮޅު ފަރާތްތަކަށް ލިބޭ ގެއްލުމުގެ ޒިންމާ ޕީއޭ ނަގަން ޖެހޭނެ ކަމަށް ތަސްމީން ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވާ ޔާމީން މިރޭ ދިޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސިޔާސީ ލިޑަރުން ވަރަށް ފަރިތަ ބަހަކަށް "ޒިންމާ" ވެފައި އޮންނަ ކަމަށާއި އެހެންނަމަވެސް ޒިންމާ މާނަ ކުރަނީ ކޮން ގޮތަކަށްތޯ ވެސް ބަލައިލަން ޖެހޭނެ ކަމަށެވެ.
"ޒިންމާ ނަގަންޖެހޭ ވާހަކަ ދައްކަންޖެހޭނީ އެކަމެއް ނުކުރުމުން ނުވަތަ ކުރުމުން ބަޔަކަށް ގެއްލުމެއް ލިބޭ ކަމަށް ވަންޏާ. ކޯލިޝަނުން ޕީއޭ ވަކިވީ އެމްޑީޕީއަށް ތަރުހީބު ދޭކަށް ނޫން. ވަކިވީ މިހާރަށް ވުރެ ބޮޑަށް ޕީއޭ އާ މެނޭޖެމެންޓެއްގެ ދަށުން އިތުރަށް ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރެވޭނެ ކަމަށް ފެންނާތީ. މި މަސައްކަތުގައި އަޅުގަނޑަކަށް ނުފެނޭ އަންނާނެ ގެއްލުމެއް،" ޔާމީން ވިދާޅުވި އެވެ. "އެއްވެސް ޝައްކެއްނެތް. އިދިކޮޅު ފަރާތްތަކަށް ގެއްލުމެއްނެތް. ކޯލިޝަންގައި ޕީއޭ އަދި ނެތަސް ޖަވާބުދާރީ ކުރުވަން ޑީއާރްޕީން ކުރާ މަސައްކަތަށް ތާއީދު ކުރާނެ،"
ޔާމީން ވިދާޅުވީ މިހާރުވެސް ކަން އޮތީ އެހެން ކަމަށާއި ޑީއާރްޕީގެ ވިޕްލައިން ފޮލޯ ނުކުރާނެ ކަމަށް ޕީއޭއިން ބުނިތާ ހަމަސް ވެފައިވާއިރު ވެސް ސަރުކާރާ އެއްކޮޅަށް ޖެހިގެން މަސައްކަތް ކުރުމުގެ ބަދަލުގައި 91 ޕަސެންޓް ވޯޓު ދީފައި ވާނީ ޑީއާރްޕީއާ އެއްގޮތަށް ކަމަށެވެ.
"މިކަމަކުން އިދިކޮޅު ފަރާތްތަކަށް ނިކަމެތި ކަމެއް ނާންނާނެ. އައިސްފައި އޮތިއްޔާ އޮތީ ޑީއާރްޕީ ޕީއޭ ކޯލިޝަން އެންމެ ވަރުގަދަ އިރު. ޖީއެމްއާރް މައްސަލަ އާއިރު އިދިކޮޅު ފަރާތްތަކަށް ނިކަމެތިކަން އައި . އަޅުގަނޑު ހައްޔަރު ކުރި، ގާސިމް ހައްޔަރުކުރި، ކޮބައިތޯ ޑީއާރްޕީ؟ އެކަމުން އުފުލަން ޖެހުނު އުނދަގުލެއް ކޮބައިތޯ؟ ޑީއާރްޕީގެ އިސް މީހަކު ހައްޔަރެއް ވެސް ނުކުރޭ. އެހެންވީމަ އިދިކޮޅު ފަރާތްތަކަށް ނިކަމެތިކަން ލިބިފަ އޮތިއްޔާ އޮތީ އަޅުގަނޑުމެންގެ މެޖޯރީޓީ އޮވެގެން އަޅުގަނޑުމެން ބޭނުންވި ކަންކަން މަޖިލިސްތެރޭގައި ނުނިންމާ އޮވެގެން،"
ޔާމީން ވިދާޅުވީ އެކަންކަން އެހެން އޮތް ނަމަވެސް ޑީއާރްޕީއާއެކު ކޯލިޝަން ހެދުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށާއި ކަންކަމުގައި ޔާމީނަކީ ދޮރު ބަންދު ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.
ޒެޑް ފެކްޝަނާއެކު ކޯލިޝަން ހަދާފާނެތޯ ސުވާލު ކުރުމުން ޔާމީން ވިދާޅުވީ އެ ފެކްޝަނާއެކު ޕީއޭ މަސައްކާތް ކުރާތާ އަހަރެއް ވެއްޖެ ކަމަށާއި އެފަދަ އެއްބާރުލުމުގެ އެއްބަސްވުމެއް ވެސް ހެދިދާނެ ކަމަށެވެ.
"އަޅުގަނޑަކަށް ނޭނގޭ އެފެކްޝަނާއެކު އެއްބާރުލުމުގެ އެގްރިމެންޓެއް ލިޔެވޭނީ ކިހިނެއް ކަމެއް އެއީ އަދި ހަމަ ފެކްޝަނެއް ހަމަ ޑީއާރްޕީ ތެރޭގައި އޮތް ފެކްޝަނެއް. އެކަން ކުރަން އަޅުގަނޑުމެން ހިޔާލު ކުރަން،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ