ސަވިޗް މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފި

ސާބިއާގެ ޕާޓިޒަން ބެލްގްރޭޑް މޮންޓެނީގްރޯގެ ޑިފެންޑަރު ސްޓެފަން ސަވިޗް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީއަށް ކުޅެން ސޮއިކޮށްފި އެވެ.
ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައިވާ ސިޓީ ވަރުގަދަ ކުރުމަށްޓަކައި ސަވިޗްއަކީ ސިޓީއިން އަންނަ ސީޒަނަށް ހޯދި ދެވަނަ ކުޅުންތެރިޔާ އެވެ. ސަވިޗްގެ އިތުރުން އާސެނަލްއިން ގެންދިޔަ ކްލިޗީ ވެސް ހިމެނިފައިވަނީ ސިޓީގެ ދިފާއީ ޑިޕާޓްމަންޓުގަ އެވެ.
މޮންޓެނީގްރޯގެ ޑިފެންޑަރު ސަވިޗް20، ސިޓީއަށް ބަދަލުވީ ހަ މިލިޔަން ޕައުންޑަށެވެ. ސަވިޗްވަނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ކުޅެ ތަޖުރިބާ ހޯދާފަ އެވެ. މީގެއިތުރުން ޔޫރޯ ކޮލިފައިން މެޗްގައި އިނގިރޭސި ވިލާތާއި މޮންޓެނީގްރޯ ބައްދަލުކޮށް އެއްވަރުވި މެޗްގައި ވެސް ކުޅުނެވެ.
"އަހަންނަށް ސިޓީގެ ކުޅުންތެރިންނާއި ޕްރެމިއާ ލީގަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއްގެ ހުނަރު އެނގޭ. ޔޫރޯ ކޮލިފައިން މެޗްގައި ރައިޓް ފިލިޕްސްގެ ހުނަރުތައް ވެސް ފެނުން. މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދެކޮޅަށް ކުޅުނު ކުޅުންތެރިންނާއިއެކު އެއް ބައެއްގައި ކުޅުމުގެ ފުރުސަތު ލިބިދާނެ ކަމަށް ހިއެއްނުކުރަން." ސަވިޗް ބުންޏެވެ.
ސިޓީގައި ތިބީ މޮޅު ކުޅުންތެރިންތަކެއްކަމަށާއި ބައެއް ކުޅުންތެރިން ބޭނުންކުރަމުންދާ ބަހަކީ ސަވިޗްއަށް ވަރަށް ފަސޭހަ ބަސްތަކެއްކަމަށް ވެސް އޭނާ ބުނެ އެވެ.
"އެހާ މޮޅު ކުޅުންތެރިންތަކަކާއިއެކު ކުޅެން ފުރުސަތު ލިބުނީތީ އަހަރެން އުފާކުރަން. ގިނަ ކުޅުންތެރިންތަކެއްގެ ބަސް އަހަރެން ވާހަކަ ދައްކާ ބަހާއި ވަރަށް އެއްގޮތް. އެޑިން ޒެކޯއާއި އެލެކްސެންޑާ ކޮލަރޯވް ބޭނުންކުރަނީ ހަމަ އެއްބަހެއް،" ސަވިޗް ބުންޏެވެ.
ސިޓީއާ ގުޅުމުން ކުޅުންތެރިން އޭނާއަށް މަރުހަބާ ކިޔަން ފޯނު ކުރަމުން އަންނަ ކަމަށް ވެސް އެނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ