ޑރ. ޑީޑީއަށް ޑީއާރްޕީން ރުހުމެއް ނުދޭނެ: ތަސްމީން

ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބިގެން ފިޝަރީޒް މިނިސްޓަރު ކަމުން ވަކިވެ ވަޑައިގަންނަވަމން ޖެހުނު އަދި މިހާރު އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑރ. އިބްރާހިމް ދީދީ )ޑީޑީ( އަށް އަލުން ފިޝަރީޒް މިނިސްޓަރުކަން ދެއްވެވި ނަމަވެސް މަޖިލީހުގައި އޭނާއަށް ރުހުން ނުދޭނެ ކަމަށް ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ކައިރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަސްމީން މިއަދު ވިދާޅުވީ ރުހުން ނުލިބިގެން ވަޒީރުކަން ގެއްލުނު ބޭފުޅަކަށް ދެވަނަ ފަރަކު މަޖިލީހުގެ ރުހުމެއް ނުލިބޭނެ ކަމަށެވެ.
ތަސްމީން ވިދާޅުވީ ޑީޑީއަށް ރުހުން ނުދޭން ޑީއާރްޕީން ނިންމުމުން އިދިކޮޅު އެހެން މަޖިލިސް މެންބަރުންގެ އެއްބާރުލުން ވެސް އެކަމަށް ހޯއްދަވާނެ ކަމަށެވެ. އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި މިނިވަން މެންބަރުން ވެސް ޑީޑީއަށް ރުހުން ނުދެއްވުމަށް ތަސްމީން ވަނީ ގޮވައިލައްވާފަ އެވެ.
ތަސްމީން ވިދާޅުވީ ޑީޑީއާ މެދު އަމަލު ކުރައްވާނީ މަޖިލީހުން ރުހުން ނުލިބިގެން ބަންޑާރަ ނައިބު ކަމުން ދުރުވެ ވަޑައިގެންނެވި ޑރ. އަހުމަދު އަލީ ސަވާދު ދެ ވަނަ ފަހަރަށް ބަންޑާރަ ނައިބު ކަމަށް އައްޔަން ކުރެއްވުމުން މަޖިލީހުން އަމަލު ކުރި ގޮތަށް ކަމަށެވެ. އެކަން އެގޮތަށް ކުރަން ނިންމީ ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދުގެ ބައްދަލުވެފައި ކަމަށް ވެސް ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމަށް ޑީޑީ ވާދަ ކުރެއްވެވިއިރު، ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ބޮޑު ޒިންމާއެއް އުފުލަން ޖެހޭ ފަދަ މަގާމަކާ ހަވާލުވެވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެ ވާހަކަތަކުން ވެސް ޑީޑީގެ އިހްލާސްތެރިކަމެއް ނެތް ކަން މިއަދު އެނގޭ ކަމަށެވެ. ރުހުން ނުލިބިގެން ވަޒީރު ކަމުން ޑީޑީ ވަކިވެ ވަޑައިގެންނެވިތާ އަހަރެއް ވެގެންދިޔަ އިރުވެސް ޑީޑީގެ ފަރާތްޕުޅުން މާބޮޑެތި ބަދަލުތަކެއް ފެނިވަޑައިނުގަންނަވާ ކަމަށާއި ޑީޑީއާ ދޭތެރޭގައި އިތުބާރު އުފެދޭނެ ކަންތައްތަކެއް ފެނިގެން ގޮސްފައި ނުވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި މާބޮޑެތި ބަދަލުތަކެއް ބަދަލުވެގެން ގޮސްފައެއް ނުވޭ... އެމްޑީޕީގެ ރައީސް ކަމުގެ އިންތިހާބުގެ ތެރޭގައި ދެއްކެވި ވާހަކަފުޅުން ހާމަވެގެންދިޔަ އެއްޗަކީ އެމަނިކުފާނަކީ އިހްލާސްތެރިކަމެއް ނެތް ބޭފުޅެއް ކަން،" ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކެންދޫ ދާއިރާ މަޖިލީހުގައި ތަމްސީލު ކުރައްވާ ތަސްމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޖިލީހުން ރުހުން ނުދީ ވަޒީރު ކަމުން ދުރުކޮށްފައިވާ މީހަކަށް އަލުން ރުހުން ދިނުމަކީ އޭނާ ގަބުލޫފުޅު ކުރައްވާ ކަމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ