ކޮރޯނާއަށް ޝައްކުވާ މީހުން ގެންގުޅޭ އިރު އަޅާ ހެނދުން ހޯދުމަށް އިންޑިއާ އެކު މަޝްވަރާ ކޮށްފި

ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަސްއަށް ޝައްކަކުރެވޭ މީހުން އިވެކުއޭޓް ކުރުމުގައި ހަރަކާތްތެރިވާ އެމްއެންޑީއެފްގެ ސިފައިންނަށް ޕްރޮޓެކްޓިވް ގިއަރ ހޯދުމާއި ގުޅޭ ގޮތުން އިންޑިއާ އެކު މަޝްވަރާ ކޮށްފި އެވެ. އެ މަޝްވަރާތައް ކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް، ޑިފެންސް މިނިސްޓަރު މާރިޔަ އަހްމަދު ދީދީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. އިންޑިޔާ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރު މާރިޔާ ކުރެއްވި އެ ދަތުރުފުޅުގައި، އެގައުމުގެ އަސްކަރިއްޔާގެ މެޑިކަލް ކޯގެ އިސް ޖެނެރަލުންނާއި ޑޮކްޓަރުންނާ ބައްދަލުކުރެއްވި އެވެ. އަދި ނޮވެލް ކޮރޯނާ ވައިރަސްއާ ގުޅިގެން ގާއިމްކުރާ އައިސޮލޭޝަން ސެންޓަރުންތައް ހިންގުމާ ބެހޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް (އެސްއޯޕީސް) އާ ބެހޭގޮތުންނާއި، ސެނަހިޔާ ހޮސްޕިޓަލަށް އެހީތެރިކަން ފޯރުވައިދިނުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް ދިވެހި އަސްކަރިއްޔާއިން ވަނީ ހާމަކޮށްފަ އެވެ. އިންޑިއާގެ ދައުވަތަކަށް މިނިސްޓަރު މާރިޔާއާ އެކު ވަޑައިގަތް ރާއްޖޭގެ ވަފުދު --- ފޮޓޯ: ޑިފެންސް މިނިސްޓްރީ އެ ދަތުރުފުޅުގައި މިނިސްޓަރު މާރިޔާ ވަނީ އިންޑިޔާގެ ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި، ދެބޭފުޅުންވަނީ ރާއްޖެއާއި އިންޑިޔާ އާ ދެމެދު، ދިފާއީ އަދި އަސްކަރީ ރޮނގުން އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، ނުރައްކާތެރި ޙާލަތްތަކުގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބޭނުންކުރާ ޕްރޮޓެކްޓިވް ގިއަރ، ދިވެހި ޤައުމީ ދިފާޢީ ބާރުގެ ސިފައިންނަށް އިންޑިޔާއިން ފޯރުވައިދިނުމާ ބެހޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުންދާ ޗައިނާގެ ވޫހާންގައި ތިބި ދިވެހިން އިވެކުއޭޓް ކުރުމުގައި އިންޑިޔާ ސަރުކާރުން ވެދެއްވި އެހީތެރިކަމަށްޓަކައި، އެޤައުމުގެ ސަރުކާރަށް މާރިޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ. އިންޑިޔާއިން ކުރި ޓެސްޓުތަކުން ހާމަވާގޮތުގައި، މިހާތަނަށް ކޮރޯނާ ވައިރަސްއަށް އެއްވެސް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. މިނިސްޓަރ މާރިޔާ ވަނީ އިންޑިޔާގެ ލަކްނައުގައި އޮތް ޑިފެންސް އެކްސްޕޯގައި ބައިވެރިވެވަޑައިގެންފައެވެ. އިންޑިޔާގެ އެންމެ ފަހުގެ ދިފާޢީ އަދި އަސްކަރީ އުފެއްދުންތައް އެއްތަނަކުން ފެންނަ މި އެކްސްޕޯގެ ސްޓޯލްތަކަށް އެކަމަނާ ވަނީ ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުފުޅުގައި، މިނިސްޓަރ މާރިޔާގެ އަރިހުގައި، އެމްއެންޑީއެފްގެ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދާއި، ކާނަލް ޢަބްދުލް މަތީން އަޙްމަދާއި، ލެފްޓިނަންޓް ކާނަލް ހަސަން ޝާހިދުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރު، ހުސައިން ޝަހީމް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ދަތުރުފުޅުގައި ހުސައިން ޝަހީމް ބައިވެރިވެވަޑައިގަތީ އިންޑިޔާ ސަރުކާރުގެ ދަޢުވަތަކަށް ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ