އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބް 1-1 އިން އެއްވަރުވެއްޖެ އެވެ.
ޖުމްލަ އެކު ހަ ޓީމު ވާދަކުރާ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ ކުޅުން ކުރިއަށްދަނީ ހެންވޭރު ދަނޑުގަ އެވެ. މިއީ، 11 އަހަރަށް ފަހު، އެފްއޭއެމް އިން ކްލަބްތަކަށް ބާއްވާ ފުރަތަމަ އަންހެން ފުޓްބޯޅަ މުބާރާތެވެ. ފީފާގެ އެހީތެރިކަމާ އެކު ކުރިއަށްގެންދާ މި މުބާރާތުގައި މިއަދު ކުޅުނީ ދެ ވަނަ މެޗެެވެ.
އެފްއޭއެމް އިން އެންމެ ފަހުން ބޭއްވި އަންހެން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، 2014 ވަނަ އަހަރު ހޯދި ނިއު އިން މިއަދުގެ މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ވަނީ ގޯލު ޖަހައިފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، ފާތިމަތު ފައިހާ އަލީ ހަސަން އެވެ. މިއީ، ނިއުގެ ތައިލެންޑް ކުޅުންތެރިޔާ، އިންތަބުމްރުން ނަގައިދިން ހުރަހަކަށް ހުސްކޮށް އަރައި، ފައިހާ ޖެހި ގޯލެކެވެ.
މެޗުގައި އޮޑިން އެއްވަރުކުރީ 57 ވަނަ މިނިޓްގައި އެ ޓީމުގެ ފާތިމަތު ތީބާ ޖެހި ގޯލުންނެވެ. އޭރިއާބޭރު އަރިމަތީގައި ހުރެފައި ތީބާ މަތިމަތިން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ނިއުގެ ކީޕަރު، އިންޑޮނޭޝިއާގެ ޕްރިހަތީނީ އަތުގައި ޖެހިފަ އެވެ. ތީބާ މި ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.
އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނުކުންނާނީ ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މުބާރާތުގެ ފުރަަތަމަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުން ވަނީ 6-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ، ފީފާގެ އެހީތެރިކަމާ އެކު، އެފްއޭއެމް އިން ވަނީ ވިމެންސް ފުޓްބޯލް ލީގުގައި ކުޅޭ ކޮންމެ ޓީމަކަށް 100،000 ރުފިޔާ ދޭން ނިންމައިފަ އެވެ.
އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު: ނިއު އާއި އޮޑީގެ ކުރިމަތިލުން އެއްވަރު އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު: ނިއު އާއި އޮޑީގެ ކުރިމަތިލުން އެއްވަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ