ގަލަރުގެ އަލް ސާދުގެ ކޯޗަކަށް މަންޗިނީ ހަމަޖައްސަން އެއްބަސްވުމަކަށް ގަލަރުގެ އަލް ސާދުގެ ކޯޗަކަށް މަންޗިނީ ހަމަޖައްސަން އެއްބަސްވުމަކަށް

ދޯހާ، ގަތަރު (ނޮވެމްބަރު 12) - ގަތަރުގެ ގަދަބާރު، އަލް ސާދުގެ ކޯޗަކަށް އިޓަލީ އާއި ސައުދީ އަަރަބިއްޔާގެ ގައުމީ ޓީމަށް އެންމެ ފަހުން ކޯޗުކޮށްދިން ރޮބާޓޯ މަންޗިނީ ހަމަޖައްސަން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިޓަލީ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް، 2023 ވަނަ އަހަރު އޮގަސްޓް މަހު، ސައުދީ އަރަބިއްޔާގެ ކޯޗުގެ މަގާމާ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ރެކޯޑް މުސާރައެއް ލިބޭގޮތަށް ހަވާލުވި މަންޗިނީ ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، ސައުދީ އަރަބިއްޔާގެ ކޯޗުކަން ދޫކޮށްލައިފަ އެވެ.
އޭގެ ފަހުން، ޓީމަކާ ހަވާލުނުވެ ހުރި މަންޗިނީ ވަނީ، ދާދި ފަހުން ޔުވެންޓަސް އާއި ފިއޮރެންޓީނާގެ ކޯޗުގެ މަގާމު ހުސްވިއިރު، އެ ދެ ވަޒީފާ އަށް ދިއުމުގެ މަޝްވަރާތަކެއް ކޮށްފަ އެވެ.
އެކަމަކު، މަންޗިނީ މިހާރު ނިންމާފައިވަނީ، އަނެއްކާ ވެސް އޭޝިއާގެ ޕްރޮޖެކްޓެއް ނެގުމަށެވެ. އެ ގޮތުން، އަލް ސާުދުގެ ކޯޗުކަން ކުރުމަށް މަންޗިނީ އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި، އަލް ސާދުއާ އެކު، މަންޗިނީ ހަދާ ކޮންޓްރެކްޓެއްގައި ފުރަތަަމަ ސީޒަން ނިމުމުން، އެ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ބާރު މަންޗިނީ އަށް އޮންނާނެ އެވެ.
އަލް ސާދަކީ މީގެ ކުރިން ސްޕެއިނުގެ ލެޖެންޑް، ޒަވީ ހެނާންޑޭޒް ކޯޗުކޮށްދިން ކްލަބެކެވެ.
ކޯޗިން ކެރިއަރުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ މަންޗިނީ ވަނީ 2020ގެ ޔޫރޯ އިޓަލީއަށް ހޯދައިދީފަ އެވެ. ދުނިޔޭގެ ރެކޯޑު އަަދަދެއްކަމަށްވާ 37 މެޗު އިޓަލީ އިން ބަލިނުވެ ހަމަކުރި ނަމަވެސް އޭނާ އަށް އެޓީމް 2022ގެ ވޯލްޑް ކަޕަށް ކޮލިފައިކޮށް ނުދެވުނެވެ.
ކުލަބު ކެރިއަރުގައި މަންޗިނީ ވަނީ މެންޗެސްޓަ ސިޓީ، ލާޒިއޯ، އިންޓަ މިލާން، ފިއޮރެންޓީނާ އަދި ގެލެޓަސަރާއީ ފަދަ ޓީމްތަކަށް އިރުޝާދުދީފަ އެވެ. އޭނާ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ސިޓީއަށް ފުރަތަމަ ފަހަރަށް ހޯދައިދިން ކޯޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ