ޒާޔާގެ ފޯނު ފުލުހުންގެ އަތުގައި އޮއްވައި އޭނާގެ ޒާތީ ވީޑިއޯތަކެއް ލީކު ކުރަން ފަށައިފި، ތުހުމަތު ފުލުހުންނަށް! ޒާޔާގެ ފޯނު ފުލުހުންގެ އަތުގައި އޮއްވައި އޭނާގެ ޒާތީ ވީޑިއޯތަކެއް ލީކު ކުރަން ފަށައިފި، ތުހުމަތު ފުލުހުންނަށް!

ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި ލިޔުނު ޕޯސްޓަކާާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަދި އެ ޕާޓީގެ ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ) ގެ ފޯނު ފުލުހުން ހިފަހައްޓާފައި އޮއްވައި އޭނާގެ ޒާތީ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި ލީކުކުރަން ފަށައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ޒާޔާ ބަލައި ފާސްކޮށް އޭނާގެ ފޯނު ފުލުހުން ހިފެހެއްޓީ އޮކްޓޫބަރު 7، ގަ އެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ ޒާޔާގެ ފޯނު ހިފެހެއްޓީ އޭނާގެ ފޭސްބުކް އެކައުންޓުން "ފުލުހުންނަށް އިންޒާރުދީ" ކުރި ޕޯސްޓަކާއި ގުޅިގެން ކަމަށެވެ.
އެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވައި ޒާޔާގެ ޒާތީ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި ލީކުކޮށްލީ މިއަދު އެވެ. ޒާޔާގެ ޒާތީ ދެ ވީޑިއޯއެއް ލީކު ކޮށްލީ ކާކުކަން ނޭނގޭ އެކްސް އެކައުންޓަކުންނެވެ. ނަމަވެސް ގިނަ ބަޔަކު އެ އެކައުންޓު ރިޕޯޓު ކުރަން ފެށުމުން މިހާރު އެ އެކައުންޓު ވަނީ އެކްސްއިން ރިމޫވް ކޮށްފަ އެވެ.
މި ނޫހާ ވާހަކަދައްމުން ޒާޔާ ބުނީ އެ ވީޑިއޯ ލީކު ކުރީ ފުލުހުން ކަމަށެވެ.
"އެއީ ހަމަ ސީދާ ފުލުހުން ކުރާ ކަމެއް އެއީ، އެއީ ކުރީގެ ފިރިމީހާއާ ރައްޓެހިވެގެން އުޅުނުއިރު ނަގާފައި ހުރި ފޮޓޯތަކެއް، އެ ފޮނުވާފައި ހުންނާނީ ވެސް ހަމައެކަނި އޭނައަށް، ސީދާ ހަމަ ފުލުހުން އެކަން އެ ކުރަނީ، އެއްވެސް ޑިވައިސްއެއްގައި ނުހުންނާނެ އިތުރު މީހެއްގެ އަތުގައެއް ވެސް ނުހުންނާނެ،" ޒާޔާ ބުންޏެވެ.
އޭނާ ބުނީ އިތުރު މީހެއްގެ އަތުގައި ވީޑިއޯތަކެއް ނުވަތަ ފޮޓޯތަކެއް ހުރި ނަމަ ލީކު ވާނީ މިއަދު ނޫން ކަމަށެވެ.
"ލީކުވަންޏާ ލީކުވާން ވީނު މީގެ ކުރިން ވެސް، ކީއްވެ މިއަދު ލީކު ވާންވީ، ޒާޔާ ހަމަ މި އުޅެނީ އެމްޑީޕީގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވެ،" ޒާޔާ ބުންޏެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ޒާޔާގެ ފޯނު އޮއްވައި އޭނާގެ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި ލީކުކޮށްލާފައިވާއިރު، ރައީސް މުހައްމަދު މުއިއްޒު އަށް އިންޒާރު ދިން ކަމަށް ދޭޭހަވާ މޭރުމަކުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ މެންބަރު އައިޝަތު ޝިމަންގެ ފޯނު ފުލުހުން ހިފަހައްޓާފައި ވަނިކޮށް އޭނާގެ ފޮޓޯއެއް ވެސް ސޯޝަލްމީޑިއާގައި ލީކުކޮށްލާފައިވެ އެވެ.
ޝިމަންގެ ފޮޓޯއެއް ލީކުކޮށްލީ އޭނާގެ ފޯނު ފުލުހުން އަތުލިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. އެކަމާ ގުޅިގެން ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް ފުލުހުން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.
ތުހުމަތުތައް ދޮގުކޮށް ފުލުހުން ރޭގައި ނެރުނު ބަޔާނެއްގައި ބުނީ ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެނެވޭ ހެކި ބަލަހައްޓަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އުސޫލެއްގެ ތެރެއިން ކަމަށެވެ.
"މި އުސޫލުގެ ދަށުން، އެ ތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ވާނީ ފުރިހަމައަށް ކަށަވަރުކުރެވިފަ. އެހެންކަމުން ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯނަކުން މައުލޫމާތު ލީކުވުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަން،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން އެހެން ބުނިތާ މާގިނައިރުތަކެއް ނުވެ، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް، ކުޑަކުދިން ވެސް ހިމެނޭ ކްރައިމް ސީންއެއްގެ ވީޑިއޯއެއް ވަނީ ސޯޝަލްމީޑިއާގައި ލީކުކޮށްލައިފަ އެވެ.
އެ ވީޑިއޯއަކީ ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރުމުގެ ތުހުމަތުގައި މަޝްހޫރު ޕްރެޒެންޓަރު އަދި ކުޅިވަރު ހޯސްޓު ނާފިއު ރަޝީދު (ނާއްޕެ) ހިމެނޭހެން ހަތަރު މީހަކު ހައްޔަރުކުރި ވަގުތު ނަގާފައިވާ ވީޑިއޯއެކެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުންނާއި އެކްސްޕްލޮއިޓުވި ކަމަށް ތުހުމަތު ކުރެވޭ ދެ ކުޑަކުދިންގެ އިތުރުން އެ ސީންގައި ހަރަކާތްތެރިވި ފުލުހުން އެ ވީޑިއޯއިން ފެނެ އެވެ.
އެފަދަ މައްސަލަތަކުގައި ފުލުުހުން ހަރަކާތްތެރިވާއިރު، އެތަނަކަށް އިތުރު ބަޔަކު ވަދެނުކުމެ ހެދުމަކީ މަނާ ކަމެކެވެ. އެހެންނަމަވެސް ފުލުހުން ބުނެފައި ވަނީ އެ ވީޑިއޯއަކީ އެ ކުށުގެ ވެށީގައި ހަރަކާތްތެރިވި ފުލުހަކު ރިކޯޑު ކޮށްފައިވާ ވީޑިއޯއެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ