ޗައިނާ ހެކަރުންގެ އަމާޒަކީ އޮސްޓްރޭލިއާގެ ނިޒާމުތައް ހުއްޓުވުން: ރިޕޯޓް
ޗައިނާގެ ހެކަރުންގެ އަމާޒަކީ އޮސްޓްރޭލިއާގެ ގައުމީ ނިޒާމުތައް ހުއްޓުވުން ކަމަށް އޮސްޓްރޭލިއާއިން ތުހުމަތު ކޮށްފިއެވެ. އޮސްޓްރޭލިއާގެ ސަލާމަތީ އިދާރާ (އޭއެސްއައިއޯ)ގެ ވެރިޔާ މައިކް ބާޖަސް ވިދާޅުވީ ޗައިނާ ސަރުކާރާ ގުޅުން ހުރި ހެކަރުން، އޮސްޓްރޭލިއާގެ މުވާސަލާތާއި، ފެނާއި، ކަރަންޓު ފަދަ މުހިންމު އިންފްރާސްޓްރަކްޗާ ނިޒާމުތަކަށް ވަދެ، އެ ނިޒާމުތައް ހުއްޓުވާލުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މެލްބަންގައި ބޭއްވި ވިޔަފާރިވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބާޖަސް ވިދާޅުވީ، މިފަދަ ސައިބާ ހަމަލާތަކުގެ މަގުސަދަކީ ހަމައެކަނި ޖާސޫސްކުރުން ނޫން ކަމަށާއި، އޭގެ ބަދަލުގައި މުޅި ގައުމުގެ ހަރަކާތްތައް ހުއްޓުމަކަށް ގެނައުން ކަމަށެވެ. މުވާސަލާތީ ނިޒާމެއް ހުއްޓުވާލުމުގެ ސަބަބުން ބޭންކިން، ދަތުރުފަތުރު، އަދި ދިރިއުޅުމުގެ އަސާސީ ޚިދުމަތްތައް ހުއްޓުމަކަށް އަންނާނެކަމަށް އޭނާ އިންޒާރު ދެއްވިއެވެ. ބާޖަސް ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އަހަރު އެކަނި ވެސް ޖާސޫސީ ހަރަކާތްތަކުގެ ސަބަބުން އޮސްޓްރޭލިއާގެ އިގްތިސޯދަށް 12.5 ބިލިއަން އޮސްޓްރޭލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ. އޭގެ ތެރޭގައި ވިޔަފާރީގެ ސިއްރުތަކާއި އިންޓެލެކްޗުއަލް ޕްރޮޕަޓީގެ ގޮތުގައި ދެ ބިލިއަން ޑޮލަރު ގެއްލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވަނީ ޗައިނާ ސަރުކާރުގެ އަސްކަރިއްޔާއާއި އިންޓެލިޖެންސަށް މަސައްކަތްކުރާ ކަމަށް ބުނާ ދެ ހެކިން ގްރޫޕެއް ކަމަށްވާ "ވޯލްޓް ޓައިފޫން" އާއި "ސޯލްޓް ޓައިފޫން" ގެ ނުރައްކަލަށް އަލިއަޅުވާލައްވާފައެވެ. "ސޯލްޓް ޓައިފޫން" އިން އޮސްޓްރޭލިއާގެ މުވާސަލާތީ ނެޓްވޯކްތަކަށް ވަދެގަތުމަށް މަސައްކަތްކުރަމުންދާއިރު، "ވޯލްޓް ޓައިފޫން" ގެ މަގުސަދަކީ މުހިންމު ނިޒާމުތަކުގެ ތެރޭގައި ފޮރުވިތިބެ، ފަހުން ހަމަލާދީ އެ ނިޒާމުތައް ހުއްޓުވުން ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/211959 ނަމަވެސް ޗައިނާއިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، ބާޖަސްގެ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ގަސްތުގައި ދެ ގައުމުގެ ދެމެދުގައި ހަމަނުޖެހުން އުފެއްދުމަށް ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ޗައިނާއިން އޮސްޓްރޭލިއާއަށް ރަސްމީކޮށް ޝަކުވާ ހުށަހަޅާފައިވާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ. ޗައިނާއާ ގުޅޭގޮތުން ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެ ގައުމުގެ އޮފިޝަލުން އޮސްޓްރޭލިއާ ސަރުކާރަށް ޝަކުވާކުރާ ކަމަށާއި، ނަމަވެސް އެފަދަ ފިއްތުންތަކުގެ ސަބަބުން ގައުމީ ސަލާމަތަށްޓަކައި ވާހަކަ ދެއްކުން ހުއްޓާނުލައްވާނެ ކަމަށް ބާޖަސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ