ޔާމީންގެ މައްސަލައަށް ރިޔާޒު ނުފޫޒު ފޯރުވާ އޯޑިއޯއެއް އެބައޮތް: ޔާމީންގެ ވަކީލުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގައި ޔާމީންއާއި ދެކޮޅަށް ހެކިބަސްދޭ ހަސްމުންނަށް ދައުވާނުކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ދޭ ކަމަށް ޔާމީންގެ ވަކީލުން ތުހުމަތު ކުރައްވައިފި އެވެ.ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލު ޢަލީ ޝާހް ވިދާޅުވީ ސިޔާސީ ބޭފުޅުން ހިމެނޭ މައްސަލަތަކުގައި ވަކި ގޮތަކަށް ބަޔާންދީ ވަކި ގޮތަކަށް އަމަލު ކުރެއްވުމަށް ފުލުހުންގެ ބައެއް އިސް ވެރިން މަސައްކަތް ކުރައްވާ ކަމުގައެވެ.އެ ގޮތުން ރައީސް ޔާމީން ފްރޭމް ކުރުމަށްޓަކައި ކަންކަން ކުރުމަށާއި އެ ގޮތަށް ބަޔާންދީފިނަމަ ބައެއް މީހުންނަށް ދަޢުވާ ނުކުރައްވާނެ ކަމަށް ވިދާޅުވެފައި އެބަހުރި ކަމަށާއި އެފަދަ އޯޑިއޯތައް އެބަހުރި ކަމަށާއި އެ އެއްޗެހި ހުރިކަން ފުލުހުންނަށް ވެސް އެނގިލައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.އެގޮތުން ރައީސް ޔާމީން ފްރޭމް ކުރުމަށް އަންގައި، އެގޮތަށް ކަން ކުރާނަމަ އެ ފަރާތްތަކަށް ދައުވާ ނުކުރާނެ ކަމަށް އަންގާފައި ވެއެވެ. އަދި އެ މޭރުމުން އެސިސްޓެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވާހަކަ ދައްކަވާ އޯޑިއޯއެއް އުޅެ އެވެ. އެ އޯޑިއޯ އުޅޭކަން މިހާރު ފުލުހުންނަށް ވެސް އެނގޭނެ އެވެ. އޭގެ އިތުރުން، އެމްއެމްޕީއާރްސީ މައްސަލައިގައި ހަމައެކަނި ޔާމީންގެ މައްޗަށް ޝަރީއަތް ހިންގާތީ، އެ ކަމުން ވެސް މި މައްސަލައިގައި ސަރުކާރުގެ ނުފޫޒު އޮތްކަން ހާމަވާ ކަމަށް ޝާހު ވިދާޅުވި އެވެ. މިކަން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލައަށް އެކަނި ބަލާލުމުން ވެސް އެނގޭނެކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ހިޔާނާތުގެ ދިގު ލިސްޓުގައި މިހާރުުގެ ސަރުކާރާއި މަޖިލިސް މެމްބަރުން ވެސް ހިމެނޭއިރު، އެ މައްސަލަތައް ކުރިއަށް ނުދަނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.ޔާމީންގެ ވަކީލުން މިފަދަ ތުހުމަތުތަކެއް ކޮށްފައިވާއިރު ވ. އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި އަޑުއެހުންތައް ނިންމާލައި ހުލާސާ ބަޔާންވެސް ވަނީ އިއްވާފަ އެވެ. އެ މައްސަލައިގައި ހުލާސާ ބަޔާން އިއްވާފައި ވަނީ ނޮވެމްބަރު 30 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ.އާރަށު މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިން ދައުވާ އެވެ. މިމައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާފައިވަނީ ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. ޔޫސުފް ނައީމަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ. ހުލާސާ ބަޔާނުގައި ދައުލަތުން ވަނީ ދައުވާގެ ސީޣާގައި ދައުލަތުން އެދިފައިވާ ގޮތަށް ޔާމީން ލޯންޑާކުރި ކަމަށް ތުހުމަތުކުރެވޭ އެއް މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއަށް އެއްކޮށްފައިވާ 2،413،230 އެމެރިކާ ޑޮލަރާ އެކު ޖުމްލަ 3،413،230 އެމެރިކާ ޑޮލަރު އިންވެސްޓްކޮށްގެން އަބްދުﷲ ޔާމީން ލިބިފައިވާތީ އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ.އާރަށް މައްސަލައަށް ޖޭއެސްސީގެ ނުފޫޒު އެބައޮތްތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން، ސީދާ އެ މައްސަލައަށް ނުފޫޒު އޮތް ކަމަކަށް ވަކީލުން ވިދާޅެއް ނުވެ އެވެ. ނަމަވެސް، މާޒީގައި ކަން ހިނގާފައިވާ ގޮތާއި ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަލާއިރު ޔާމީންގެ މައްސަލަތަކުގައި ޖޭއެސްސީން ނުފޫޒު ފޯރުވާކަން "ބުއްދިވެރި އަދި ސަބަބުވެރި އިންސާނަކަށް" އެނގޭނެ ކަމަށް ޝާހު ވިދާޅުވި އެވެ."[ޖޭއެސްސީގައި] ތިބި ގިނަ މީހުންނަކީ އަދުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި، އަދި އަދުގެ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ކަނޑައަޅާފައި ތިބި ފަރާތްތައް. ރައްޔިތުންގެ މަޖިލިހުން ކަނޑައަޅުވާފައި ހުންނަ މެމްބަރަށް ވިޔަސް، ދައުލަތުގެ ބަންޑާރަ ނައިބަށް ވިޔަސް، ސީއެސްސީގެ ރައީސް ވިޔަސް، އެއީ ހަގީީގަތުގައި މިނިވަން މުސްތަގިއްލު ފަރާތްތަކެއް ނޫން،" ޖޭއެސްސީއަކީ މިނިވަން މުސްތަގިއްލު ތަނެއް ނޫން ކަމަށް ވިދާޅުވާ ސަބަބު ބަޔާންކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ