އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓް ރޯޑް ޓްރާންސްޕޯޓް ކޯޕަރޭޝަން (އެމްއެސްއާރްޓީސީ) ގެ ބަހެއްގައި 26 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހާ ހޯދަމުން ދާކަމަށް ޕޫނޭ ފުލުހުން ހާމަކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 5:30 ހާއިރު ސްވަރްގޭޓް ބަސް ސްޓޭންޑްގައެވެ. ޕައިތަން އަށް ދާން ބަހަކަށް އިންތިޒާރުކުރަމުން ދިޔަ އަންހެންމީހާގެ ބަސް އެހެން ޕްލެޓްފޯމަކަށް އައިސްފައިވާ ކަމަށް ބުނެ ފިރިހެނަކު އޭނާ ގާތަށް އައިސް، އެ އަންހެން މީހާ އޭނާއާ އެކު ދިޔުމުން، އެމްއެސްއާރްޓީސީ ޑިޕޯގެ އެކަހެރި ސަރަހައްދެއްގައި ޕާކުކޮށްފައި އޮތް ހުސް ބަހަކަށް ވައްދާފައިވެއެވެ. އޭގެ ފަހުން މި ފިރިހެނާ ބަހަށް އަރައި އެ އަންހެން މީހާ ރޭޕްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި ތުހުމަތުކުރެވޭ މީހާއަކީ ކުރިން ވެސް ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ކުށްވެރިވެފައިވާ މީހެއް ކަމަށް ފުލުހުން ބުނެއެވެ. ސީސީޓީވީ ފުޓޭޖުން މި މީހާ ފެނިފައިވާ ކަމަށާއި، އޭނާ ހޯދުމަށް ގިނަ ޓީމުތަކެއް މަސައްކަތްކުރަމުންދާ ކަމަށް ސްވަރްގޭޓް ފުލުސް ސްޓޭޝަނުގެ އޮފިޝަލަކު ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ސްވަރްގޭޓް ބަސް ޑިޕޯގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އިހުމާލުވި ކަމަށް ބުނެ 23 ސެކިއުރިޓީ ގާޑުން ވަގުތުން ސަސްޕެންޑް ކުރުމަށް ޓްރާންސްޕޯޓް މިނިސްޓަރ ޕްރަތާޕް ސަރްނައިކް އަމުރުކުރައްވާފައިވެއެވެ. އަދި ބުރާސްފަތި ދުވަހުން ފެށިގެން އައު ސެކިއުރިޓީ މުވައްޒަފުން ޑިއުޓީއަށް ނުކުތުމަށް އަންގާފައިވާ ކަމަށް ވެސް އިސްވެރިން މަޢުލޫމާތު ދެއެވެ.
މި ހާދިސާއާ ގުޅިގެން އުއްދަވް ސޭނާގެ މެންބަރުން ބަސް ޑިޕޯއަށް ގެއްލުން ދީފައިވާ ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެއެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އިންޑިއާގައި ޖިންސީ ގޯނާގެ މައްސަލަތައް، ޚާއްޞައްޞަކޮށް ގޭންގް ރޭޕްގެ ހާދިސާތައް އިތުރުވަމުން ދިއުމަކީ ބޮޑު ކަންބޮޑުވުމެކެވެ. ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިންޑިއާގައި ކޮންމެ 15 މިނެޓަކުން އެއްފަހަރު ރޭޕްގެ މައްސަލައެއް ރިޕޯޓުކުރެވެއެވެ. އަދި މީގެ ތެރެއިން ގާތްގަނޑަކަށް 10 އިންސައްތައަކީ ގޭންގް ރޭޕްގެ މައްސަލަތަކެވެ. މި އަދަދުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވަރަށް މަތީ އަދަދުތަކެކެވެ. ނަމަވެސް، ގިނަ މައްސަލަތައް ރިޕޯޓު ނުކުރެވި ދާކަމަށް ވެސް ތަޙުޤީޤުތަކުން ދައްކައެވެ.
މި ކަންކަމާ ގުޅިގެން، އިންޑިއާ ސަރުކާރުން ޤާނޫނުތައް ހަރުދަނާކޮށް، އަދަބުތައް ހަރުކަށިކުރުމުގެ އިތުރުން، އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކި ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އިންޑިއާގައި ސަރުކާރުގެ ބަހެއްގެތެރޭގައި އަންހެނަކު ރޭޕްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ